ބުޅަލަށް ގޯނާކުރުމާއި އިހާނެތިކޮށް ހިތައި މަރާ މީހުންނާއި، އެއްވެސް ބެލެހެއްޓުންތެރިކަމެއް ނެތި މަގުމައްޗަށް ބުޅާ ދޫކޮށްލާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެނިމަލް ވެލްފެއާ މިނިސްޓްރީން ދީފިއެވެ.

މިނިސްޓްރީން މިފަދަ އިންޒާރެއް ދީފައި މިވަނީ، ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި، ހާނިއްކަކުރުމުގެ އިތުރުން، އެ ތަކެއްޗަށް އަޅާނުލައި މަގުމައްޗަށް ދޫކޮށްލާކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނި ގޮތުގައި، ޖަނަވާރުންނަށް ދޭ މިފަދަ އަނިޔާތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ތަސްދީގުކުރެވުނު "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު" ގެ ދަށުން، ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް މިހާރު ގާނޫނީ ގޮތުން ކަނޑައަޅައި ކަށަވަރުކޮށްދީފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

"މި ހައްގުތަކަކީ މިހާރު ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ރައްކާތެރިކަން ދީފައިވާ ކަންކަމެވެ. އެހެންކަމުން، ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، އަނިޔާކޮށް މަރާ ނުވަތަ ނުބަލާ ދޫކޮށްލާ ފަރާތްތަކާ މެދު، މި ގާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ގާނޫނީ ފިޔަވަޅުތައް އެޅޭނެއެވެ." މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ވަނީ ޖަނަވާރުން ގެންގުޅޭ ފަރާތްތަކުން އެ ތަކެއްޗަށް އޯގާތެރިވުމަށާއި، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޖަނަވާރުންނަށް އަނިޔާކުރާ މަންޒަރު ފެނިއްޖެ ނަމަ، އެކަން ކަމާބެހޭ މުއައްސަސާތަކަށް ރިޕޯޓްކުރުމަށްވެސް އާންމުންގެ ކިބައިން އެދިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު