އިންޑިއާ ޒުވާނުންގެ މުޒާހަރާ
އިންޑިއާ ޒުވާނުންގެ މުޒާހަރާ
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ޗީފް ކޮމިޝަނަރު ޏާނޭޝް ކުމާރު 48 ގަޑިއިރުގެ ތެރޭގައި އިސްތިއުފާ ނުދެއްވައިފިނަމަ، މުޅި ގައުމުގައި ވަރުގަދަ އިހުތިޖާޖުތަކެއް ފަށާނެ ކަމަށް އެ ގައުމުގެ ޒުވާނުން އިސްވެ އުފައްދާފައިވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އިން އިންޒާރުދީފިއެވެ.

ސީޖޭޕީގެ ބާނީ އަބީޖީތު ދީޕްކޭ ނިއުދެލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ޏާނޭޝް ކުމާރަކީ އިންޑިއާގެ ދިމުގުރާތީ ނިޒާމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށެވެ.

އަދި އޭނާ މަގާމާ ހަވާލުވި ފަހުން، ވޯޓުލެވޭނީ ކޮން ބަޔަކަށްކަމާއި ނުލެވޭނީ ކޮން ބަޔަކަށްކަން ނިންމުމުގެ ބާރު ސަރުކާރަށް ދީފައިވާ ކަމަށް ސީޖޭޕީން ތުހުމަތުކުރެއެވެ.

އެ ހަރަކާތުން ބުނާ ގޮތުގައި މުޅި އިންޑިއާއިން 130 މިލިއަނަށްވުރެ ގިނަ ވޯޓަރުންގެ ނަން ވަނީ ލިސްޓުން އުނިކޮށްފައެވެ.

މި މައްސަލަ ބޮޑުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ވޯޓަރުންގެ ލިސްޓަށް ގެންނަމުންދާ ބަދަލުތަކާ މެދު އެ ކޮމިޝަނުގެ އަނެއް ދެ ކޮމިޝަނަރުން ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި މަދުވެގެން 14 ފަހަރު ކަންބޮޑުވުން ފާޅުކުރައްވައި ސުވާލު އުފައްދަވާފައިވާ ކަމަށް "އިންޑިއަން އެކްސްޕްރެސް" ނޫހުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

އެއާއެކު އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ފައިދާވާނެ ގޮތަށް ވޯޓަރުންގެ ލިސްޓަށް އޮޅުވާލުންތައް ގެންނަމުންދާ ކަމަށް ބުނެ އަލުން އަޑުއުފުލަން ފަށާފައެވެ.

އިދިކޮޅު މައި ޕާޓީ، ކޮންގްރެސްއިން ވަނީ ޏާނޭޝް ކުމާރު މަގާމުން ވަކިކޮށް، އޭނާ ހައްޔަރުކުރުމަށާއި، އޭނާގެ ދައުރުގައި ވޯޓަރުންގެ ލިސްޓަށް ގެނައި ބަދަލުތައް މިނިވަންކަމާއެކު ރީވިއުކުރުމަށް ގޮވާލައި އިންޑިއާގެ އެކި ރަށްތަކުގައި ހުންނަ އިލެކްޝަން އޮފީސްތައް ކައިރީގައި މުޒާހަރާކުރުމަށް ނިންމާފައެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުންނާއި ހިންގާ ބީޖޭޕީން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ބީޖޭޕީން ބުނީ އިލެކްޝަންސް ކޮމިޝަނަކީ ދިމުގުރާތީ ހަމަތަކުގެ މަތިން ހިންގާ މިނިވަން މުއައްސަސާއެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އިންތިޚާބުތަކުން ނާކާމިޔާބުވުމުން ކޮމިޝަނުގެ އަބުރު ކެތުމަށް ކަމަށެވެ.

"ކޮކްރޯޗް ޖަންތާ ޕާޓީ" އަކީ ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދައި، އިންސްޓަގްރާމްގައި 25 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ޒުވާނުންގެ ހަރަކާތެކެވެ. މީގެ ކުރިން ޖުލައި މަހު އެ ހަރަކާތުން އިސްނަގައިގެން ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، ކުއްލިއަކަށް އިމްތިހާނު ޕޭޕަރު ލީކުވި މައްސަލައެއްގައި މޯދީގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް