ސްރީލަންކާގައި ތެޔޮ ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުންކުރާ "ނެޝަނަލް ފިއުލް ޕާސް" ކިއުއާރް ކޯޑު ސިސްޓަމް، މިއަދު ހެނދުނު 6:00 އިން ފެށިގެން އެ ގައުމުގައި ރަސްމީކޮށް އަލުން ތައާރަފްކޮށް ބޭނުންކުރަން ފަށައިފިއެވެ.

މި ނިންމުމާ ގުޅިގެން، ހަފްތާއަކަށް ކަނޑައަޅާފައިވާ ތެލުގެ ކޯޓާ ހޯދުމަށްޓަކައި ލަންކާގެ އެކި ހިސާބުތަކުގައި ހުރި ފިއުލް ސްޓޭޝަންތަކުގައި އާންމުން ވަނީ ރޭ ފަތިހުން ފެށިގެން ދިގު ކިއުތައް ހަދަން ފަށާފައެވެ. މި ސިސްޓަމްގެ ދަށުން ކޮންމެ އުޅަނދަކަށްވެސް ހަފްތާއަކު ތެޔޮ ލިބޭނީ ވަކި މިންވަރަކަށެވެ.

އަލަށް ކަނޑައެޅިފައިވާ ތެލުގެ ކޯޓާތަކަކީ:

ކާރު: ހަފްތާއަކު 15 ލިޓަރު

ސައިކަލް: ހަފްތާއަކު 5 ލިޓަރު

ތުރީ-ވީލަރު: ހަފްތާއަކު 15 ލިޓަރު

ބަސް: ހަފްތާއަކު 60 ލިޓަރު



ލަންކާގައި އެންމެ ފަހުން މިގޮތަށް ތެޔޮ ވިއްކާފައިވަނީ އެ ގައުމަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި 2022 ވަނަ އަހަރުއެވެ.

ސްރީލަންކާ ސަރުކާރުން މި ސިސްޓަމް އަލުން ތައާރަފްކުރީ ތެލުގެ އިގްތިސާދީ ދަތިކަމަށް ހައްލެއް ހޯދުމަށާއި، ހަމަހަމަކަމާއެކު އާންމުންނަށް ތެޔޮ ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. މިއަދު ހެނދުނުން ފެށިގެން މުޅި ގައުމުގައި މި ނިޒާމަށް އަމަލުކުރަން ފަށާފައިވާއިރު، ގިނަ ބަޔަކު ދަނީ މި ނިޒާމުގެ ތެރެއިން ތެޔޮ ހޯދުމަށް ފިއުލް ސްޓޭޝަންތަކަށް ޖަމާވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު