ރަސްގެފާނު ހުންނެވީ ވަރަށް ބޮޑަށް މާޔޫސްވެ، ހިތްޕުޅުދަތިވެފައެވެ. ދުޝްމަނުންގެ އަތުން ހަނގުރާމައިން ބަލިވެ، އެމަނިކުފާނުގެ ގާތް އެތައް ބަޔަކު ވަނީ ނިޔާވެފައެވެ. އަދި ދައުލަތުގެ ޚަޒާނާތައް ވަނީ ފޭރިގަނެފައެވެ. އެއްޒަމާނެއްގައި ބާރުގަދަ ރަސްކަލެއްގެ ގޮތުގައި ހުންނެވި ނަމަވެސް، ހަނގުރާމައިގެ މައިދާނުގައި ލިބުނު ނިކަމެތިކަމާއެކު، އެމަނިކުފާނު ވަޑައިގަތީ ޖަންގައްޔަކަށެވެ. އަދި އެތަނުގައި ހުރި ހޮހަޅައަކުން ހިމާޔަތް ހޯއްދެވިއެވެ.

ފިނި ހޮހަޅައިގެ ތެރޭގައި ހަރު ހިލަގަނޑަކަށް ލެގިލައިގެން އަރާމުކުރައްވަން އިންނަވަނިކޮށް، ކަޅުކުލައިގެ ކުޑަކުޑަ ހިިންޏެއް ފާރުގެ އުސްތަނަކަށް ގޮދަނޑި ފޮއްޗެއް އުފުލަން ކުރާ ބުރަ މަސައްކަތް ރަސްގެފާނަށް ފެނިވަޑައިގަތެވެ. ކަޅުކުލައިގެ ހިނީގެ ހިޔަނި ފާރުން ފެންނަން ހުރިއިރު، އެ ހިނި އޭގެ އަނގަޔާއި ކުރީގެ ފައިތަކުން ހިފަހައްޓައިގެން ހުރި ހުދުކުލައިގެ ގޮދަނޑި ފޮތި ވަރަށް ބޮޑަށް ފާހަގަވެއެވެ. ފާރު ހުރީ ތެތްކޮށް އަދި އޮމާންކޮށް ކަމުން، ހިނީގެ ފުރަތަމަ މަސައްކަތް ނާކާމިޔާބުވިއެވެ. ގޮދަނޑި ފޮތި އަތުން ދޫވެ، ބިމަށް ވެއްޓުނެވެ.

އެހެންނަމަވެސް، އެ ހިނި ހިތްވަރު އެލުވައެއް ނުލައެވެ. އަލުން ތިރިއަށް ގޮސް، ގޮދަނޑި ފޮތި ނަގައިގެން، އުނދަގޫ ދަތުރު އަލުން ފެށިއެވެ. މިފަހަރު ކުޑަ ތަންކޮޅަކަށް، ފަހަރެއްގައި އިންޗިއެއް ނުވަތަ ދެ އިންޗިއެއްހާ ހިސާބަށް ދެވުނު ތަނާ، އަނެއްކާވެސް ގޮދަނޑި ފޮތި ކަހާލައިގެން ތިރިއަށް ވެއްޓުނެވެ.

ހިނި އަނެއްކާވެސް ގޮދަނޑި ފޮތި ކައިރިއަށް ދިޔައެވެ. އަދި އެންމެ ރަނގަޅު ގޮތަކަށް އޭގައި ހިފައިގެން، ތިންވަނަ ފަހަރަށް ފާރުން މައްޗަށް އަރަން ފެށިއެވެ. ނަމަވެސް މިފަހަރުވެސް ނަސީބު އަތަކު ނުހިފިއެވެ. ގޮދަނޑި ފޮތި ކަހާލައިގެން އަނެއްކާވެސް ބިމަށް ވެއްޓުނެވެ.

މިކަން ހަތް ފަހަރު ތަކުރާރުވިއެވެ. ކޮންމެ ފަހަރަކުވެސް، ކުރިން ލިބުނު ނާކާމިޔާބީތަކުން މާޔޫސްވުމެއް ނެތި، ހިނި އޭގެ ބުރަ މަސައްކަތް އަލުން ފަށައެވެ. ހަތްވަނަ ފަހަރު، އެ ސިލްސިލާ މަސައްކަތުގައި ކާމިޔާބު ލިބި، ގޮދަނޑި ފޮތި އޭގެ މަންޒިލަށް ގެންދިއުމުގައި އެ ހިނި ކާމިޔާބު ހޯދިއެވެ.

މި ކުޑަކުޑަ ހިނީގެ ހިތްވަރުން ރަސްގެފާނަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. "މި ހިނި އަހަންނަށް ދަސްކޮށްދޭން މިއުޅެނީ ކޮން އެއްޗެއް ބާވައޭ؟" އަމިއްލަފުޅަށް ސުވާލުކުރެއްވިއެވެ. "ކުޑަކުޑަ އެންމެ ހިންޏަކަށް އެންމެ ގޮދަނޑި ފޮއްޗެއް އޭގެ މަންޒިލަށް ގެންދިއުމަށް އެހާ ބޮޑު ހިތްވަރެއް ކުރެވޭނަމަ، އަހަރެންގެ ތަޚުތު އަނބުރާ ހޯދުމަށް ސާބިތުކަމާއެކު މަސައްކަތް ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟"

ރަސްގެފާނު އަލުން ލަޝްކަރު ޖަމާކޮށް ހަނގުރާމަ ކުރެއްވުމަށް އަޒުމް ކަނޑައެޅުއްވިއެވެ. އެމަނިކުފާނު އެއް އަވަށުން އަނެއް އަވަށަށް، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރައްވައި، ރަސްކަން ފޭރިގަތް މީހުން ބަލިކުރުމަށް ރައްޔިތުންގެ ކިބައިން ހިތްވަރު ދެއްވައި އެހީތެރިކަމަށް އެދިވަޑައިގަތެވެ. މާގިނަ ދުވަސްތަކެއް ނުވެ، ވަރުގަދަ ލަޝްކަރެއް އެކުލަވާލައި ތަމްރީނު ކުރެއްވިއެވެ. އަދި ނުކުމެވަޑައިގެން، ކުރިމަތިލީ ވަރުގަދަ ހަނގުރާމައިގައި ދުޝްމަނުން ބަލިކޮށް، އެމަނިކުފާނުގެ ތަޚުތު އަނބުރާ ހޯއްދެވިއެވެ.

އިންސާނާ އުފެދިފައިވަނީ ބުރަ މަސައްކަތާއި ހިތްވަރު ކުރުމުގެ ތެރެއަށެވެ. ތަބީޢަތުގައިވާ ނިޝާންތަކާއި، ތާރީޚާއި، އަދި އިންސާނާގެ އަމިއްލަ ނަފްސުގެ ތެރެއިން މާތްﷲގެ ކިބަފުޅަށް ވާޞިލުވުމަށް ކުރާ މަސައްކަތް ދުވަހަކުވެސް ހުއްޓާލައިގެން ނުވާނެއެވެ. މިއީ އިންސާނާގެ ރޫޙު މި ދުނިޔެ ދޫކޮށް އެކަލާނގެއާ ބައްދަލުވަންދެން މެދުނުކެނޑި ކުރިއަށްދާނެ ބޮޑު މަސައްކަތެކެވެ. މާތްﷲ ލޯބިވެވޮޑިގަންނަވަނީ ކެތްތެރިކަމާއެކު ސާބިތުވެ ތިބޭ މީހުންދެކެއެވެ. "ޞަބުރު" ނުވަތަ ކެތްތެރިކަމުގެ ހަގީގީ މާނައަކީވެސް މިއީއެވެ.



ކިޔުންތެރިންގެ ހިޔާލު