ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ހިތްވަރުދީ، އެފަދަ އުޅަނދުތައް ވަކިކޮށް ދެނެގަތުމަށް ފަސޭހަކުރުމުގެ ގޮތުން، އިލެކްޓްރިކް އުޅަނދުތަކަށް ޚާއްޞަ ފެހި ކުލައިގެ ނަންބަރު ބޯޑެއް ތައާރަފުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނިންމައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިމާވެށި ހިމާޔަތްކުރުމަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ރޭ ވަނީ މި އުޅަނދުތަކުގައި ބޭނުންކުރާނެ ނަންބަރު ބޯޑުގެ ނަމޫނާއެއް އާންމުކުރައްވާފައެވެ. އެގޮތުން، އަމިއްލަ ބޭނުންތަކަށް ދުއްވާ އިލެކްޓްރިކް (ޕްރައިވެޓް) އުޅަނދުތަކުގެ ފެހި ބޯޑުގައި އަކުރުތައް ހުންނާނީ ހުދު ކުލައިގައެވެ. ނަމަވެސް، ވިޔަފާރީގެ އުސޫލުން ޓެކްސީ ކުރުމަށް ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގެ ފެހި ބޯޑުގައި އަކުރުތައް ހުންނާނީ ރީނދޫ ކުލައިގައެވެ.

މި ނިންމުމަކީ އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދަށް ގެނެވުނު ހަތްވަނަ އިސްލާހުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މި ބަދަލާއެކު، ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތައް މަގުމަތީގައި ހަރަކާތްތެރިވާ އެހެން އުޅަނދުތަކާ ތަފާތުކޮށް ފަސޭހައިން ފާހަގަކުރެވޭނެއެވެ.

މި އައު ބަދަލާއެކު، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކަށް އޮންނަ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. މީގެ އިތުރުން، ސަރުކާރުން އަންނަނީ ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު