ބަރަކާތްތެރި ރަމަޟާންމަސް އަހަރެމެންނާ އަލްވަދާޢު ކިޔަނީއެވެ. ނަމަވެސް، ހެޔޮ ޢަމަލުކުރުމަކަށް ދުވަހަކުވެސް ނިމުމެއް ނާންނާނެއެވެ. މުސްލިމުންގެ މައްޗަށް އޮތީ، ޔަޤީންވެގެންވާ މަރު އަހަރެމެންނާ ބައްދަލު ކޮށްފުމަށްދާންދެން ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމެވެ. އަޅުކަން ކުރުމަކީ، މާތް ﷲ އަހަރެމެން ޚަލްޤު ކުރައްވައި، އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވައިފައިވާ އެންމެ އިސް މަޤްޞަދެވެ. މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ." އެހެންކަމުން އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ނުވަތަ ވަކި މަހަކާ ގުޅިފައި އޮންނާންވާނޭ ކަމެއް ނޫނެވެ.

މުއުމިނުންގެ މުޅި ޙަޔާތަކީ އަޅުކަމެކެވެ. ރަމަޟާންމަހަކީ އަޅުކަންކުރުން ގިނަވާ މޫސުމަކަށް ވަނީ، އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި، ނަފުސު ތަރުބިއްޔަތު ކުރުމަށެވެ. އެ މަސް ނިމުމަކީ އަޅުކަންތައް ހުއްޓާލަންޖެހޭ ސަބަބެއް ނޫނެވެ. ހެޔޮ ޢަމަލެއް ކުރުމަށް ފަހު، އެންމެ މުހިންމު ކަމަކީ އެ ޢަމަލު ﷲ ޤަބޫލު ކުރައްވައިތޯ ދެންނެވުމާއި، އެ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާކުރުމެވެ.

ރަމަޟާންމަސް އަހަރެމެންނާ ވަކިވަނީ، ޝައްވާލުމަހުގެ ހަ ރޯދައިގެ މަތިވެރި ނިޢުމަތަށް މަގުފަހިކޮށްދީފައެވެ. މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ސަވާބު ލިބިގަތުމަށްޓަކައި މި ނިޢުމަތުގެ ބޭނުން ހިފަންޖެހެއެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. "ރަމަޟާންމަހު ރޯދަހިފައި އެއަށް ފަހު އެއާ ވިދިގެން ޝައްވާލުމަހުން ހަ ދުވަހު ރޯދަހިފި މީހާ މުޅި އަހަރުދުވަހު ރޯދަހިފިފަދައެވެ." މިފަދަ ހެޔޮ ޢަމަލުތަކަކީ އަހަރެމެންގެ ފާފަތައް ފޮހެލައިދޭ ކައްފާރާއެކެވެ. އެހެންކަމުން، ގިނަގިނައިން ތައުބާވެ، މާތް ﷲއަށް އިސްތިޣުފާރު ކުރާށެވެ. އެކަލާނގެއީ ކޯފާއަށް ވުރެ ރަޙުމަތް ތަނަވަސް، ތައުބާ ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ.

ނިމިގެން މިދާ ރަމަޟާންމަހު ތިބާގެ ޢަމަލުތައް ހުރި ގޮތާ މެދު ފުންކޮށް ވިސްނައިލާށެވެ. ފަރުޟު ފަސްނަމާދަށް ރައްކާތެރިވީ ފަދައިން، ރަމަޟާންމަހަށް ފަހުގައި ވެސް އެ ގޮތުގައި ދަމަހައްޓާށެވެ. ކޮންމެ ދުވަހަކު ޤުރްއާނުން ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ކިޔެވުމަށް އާދަކުރާށެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ފަދައިން، މާތް ﷲ ގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، ކިތަންމެ މަދުން ނަމަވެސް، އެ ޢަމަލެއް ކުރުމުގައި ދެމިހުންނަ ޢަމަލެވެ.

އަޅުކަންތައް ކުރުމުގައި އަހަރެމެން ބޮޑާވެގެން ނުވާނެއެވެ. ކަހުފު ސޫރަތުގައި ބަޔާންކުރައްވައިފައިވާ ބަގީޗާގެ ވެރިޔާގެ ވާހަކައިން ޢިބްރަތް ލިބިގަންނާށެވެ. އޭނާގެ މުދަލާއި ބަގީޗާގެ މައްޗަށް ބޮޑާވެ، ﷲ ގެ ކުޅަދުންވަންތަކަން ހަނދާން ނައްތާލުމުން، އެކަލާނގެ އެ ހުރިހާ ނިޢުމަތެއް ހަލާކުކުރެއްވިއެވެ. އެހެންކަމުން، ކުރެވޭ ހެޔޮ ޢަމަލަކީ މާ ގިނަ އެއްޗެއް ކަމުގައި ދެކި، ސުވަރުގެ ޔަޤީންވީ ކަމަށް ހީނުކުރާށެވެ. ސުވަރުގެއަކީ ސީދާމަގުގައި ދެމިތިބޭ މީހުންނަށް އޮތް އުފާވެރި މަންޒިލެކެވެ.

ރަމަޟާންމަހުގެ ޙުރުމަތް ދެމެހެއްޓުމަކީ މުޅި މުޖުތަމަޢުގެ މަސްއޫލިއްޔަތެކެވެ. ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި، ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން ރޯދަމަހުގެ ދުވާލު، އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމުން ދުރުހެލިވާންޖެހެއެވެ. އަދި ފަތުރުވެރީން ޢާންމުންގެ ތެރެއަށް ނުކުމެއުޅޭ އިރު، އިޖުތިމާޢީ މިންގަނޑުތަކަށް ބޯލެނބުމަށް އިރުޝާދު ދިނުމަކީ މުހިންމު ކަމެކެވެ.

އަހަރެމެންގެ އެންމެ ފަހުގެ މަންޒިލަކީ ސުވަރުގެއެވެ. އެތަނުގައިވާ ނިޢުމަތްތަކަކީ އެއްވެސް އިންސާނެއްގެ ލޮލަށް ފެނިފައި ނުވާ، ކަންފަތަށް އިވިފައި ނުވާ ފަދަ މަތިވެރި ނިޢުމަތްތަކެވެ. އެ ތަނުގައިވާ އައްރައްޔާނޭ ކިޔުނު ދޮރުކޮޅުން ވަދެވޭނީ ހަމައެކަނި ރޯދަވެރީންނަށެވެ. މި މަތިވެރި ނިޢުމަތް ލިބުމުން މަޙްރޫމްވެއްޖެ މީހެއްގެ މަންޒިލަކީ ނަރަކައެވެ. އެއީ ވޭންދެނިވި އަޒާބާއި އަލިފާނުގެ ގޮވައްޗެވެ. އަޅަމެންނީ ވޭންދެނިވި ނަރަކައިން މިންޖުކުރައްވައި، ސުވަރުގެވަންތަވެރީން ކަމުގައި ލައްވާށިއެވެ.

މަސްދަރު (13 މާރޗް 2026 ހުކުރު ޚުތުބާ)



ކިޔުންތެރިންގެ ހިޔާލު