މެދުއިރުމަތީގައި އިތުރުވަމުންދާ ނުތަނަވަސްކަމާއި ހަމަނުޖެހުންތަކާ މެދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުންކޮށް ކަންބޮޑުވުން ފާޅުކުރައްވައި، އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާނާއެކު ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.

މިއީ މިދިޔަ މަހު އިރާނުގެ ހަމަނުޖެހުންތައް ފެށުނު ފަހުން ދެ ގައުމުގެ ލީޑަރުންގެ މެދުގައި ބޭއްވުނު ފުރަތަމަ ސީދާ މުޢާމަލާތެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރަހައްދުގެ ސީރިއަސް ހާލަތާ

ގުޅޭގޮތުން އިރާނުގެ ރައީސާ ވާހަކަދެއްކެވި ކަމަށެވެ. އަދި މަސްރަޙު ގޯސްވަމުންދިއުމާއި، އާންމުންގެ ފުރާނަ ގެއްލުމުގެ އިތުރުން އާންމު އުމްރާނީ ވަސީލަތްތަކަށް ލިބެމުންދާ ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

މޯދީ އިތުރަށް ވިދާޅުވީ، އިންޑިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، މުދަލާއި ހަކަތަ އުފުލުމުގައި ހުރަހެއް ނެތި ދަތުރުކުރެވޭނެ މަގު ފަހިވެފައި އޮތުމަކީ އިންޑިއާގެ އެންމެ އިސް އިސްކަންދޭ ކަންތައްތައް ކަމަށެވެ. އަދި ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް އިންޑިއާއިން ބާރުއަޅާ ކަމަށާއި، ޑިޕްލޮމެސީ އާއި މަޝްވަރާގެ މަގު އިޚްތިޔާރުކުރުމަށް މޯދީ ވަނީ ގޮވާލައްވާފައެވެ.

ފާއިތުވި 10 ދުވަހުގެ ތެރޭގައި މޯދީ ވަނީ މެދުއޮރުމަތީގެ ގިނަ ގައުމުތަކެއްގެ ލީޑަރުންނާ ވާހަކަދައްކަވާފައެވެ. މިގޮތުން އޮމާން، ކުވެއިތު، ބަހްރެއިން، ސައުދީ އަރަބިއްޔާ، ޔޫއޭއީ، އުރުދުން، އިސްރާއީލް އަދި ގަތަރުގެ ލީޑަރުންނާ ގުޅުއްވައި، އެ ގައުމުތަކަށް ދެވޭ ހަމަލާތަކާއި ގައުމުތަކުގެ އިސްތިގުލާލަށް އަރައިގަތުން ވަނީ ކުށްވެރިކުރައްވާފައެވެ.

މި ހަމަނުޖެހުންތައް ފެށިފައިވަނީ މިދިޔަ ފެބުރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާއެއްގައި އިރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. މީގެ ރައްދުގައި އިރާނުން ވަނީ ގަލްފް ސަރަހައްދުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. މީގެ ތެރޭގައި ދުބާއީ އާއި ދޯހާ ފަދަ ވިޔަފާރީގެ މުހިންމު މަރުކަޒުތައް ހިމެނެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމާއެކު ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު މަގު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅީގައި ދަތުރުފަތުރުތައް ވަނީ މެދުކެނޑިފައެވެ. މިއީ އިންޑިއާއަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. ސަބަބަކީ އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން އެލްޕީޖީ ގަންނަ ގައުމަށް ވެފައި، އޭގެ 90 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅިން ކަމަށްވާތީއެވެ. މިހާރުވެސް އިންޑިއާގެ ކެފޭ ރެސްޓޯރެންޓުތަކަށް ކައްކާ ގޭސް ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، މޯދީ ވަނީ ބިރުނުގަތުމަށާއި، މިކަން ހައްލުކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވެފައެވެ.

މެދުއިރުމަތީގައި ގާތްގަނޑަކަށް އެއް ކްރޯޑު އިންޑިއާ ރައްޔިތުން ދިރިއުޅެމުންދާއިރު، އިރާނުގައި އެކަނިވެސް 10،000 އެއްހާ އިންޑިއާ މީހުން ދިރިއުޅެއެވެ. އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރުވެސް ވަނީ އިރާނުގެ ޚާރިޖީ ވަޒީރާ ގުޅުއްވައި، އިންޑިއާގެ ރައްޔިތުންގެ ސަލާމަތާއި، އުޅަނދުފަހަރުގެ ރައްކާތެރިކަމާ ގުޅޭގޮތުން ތަކުރާރުކޮށް މަޝްވަރާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު