މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް
މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް
ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ދާއިމީކޮށް ތިބެން ތާޢީދު ނުކުރަށްވާކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކެމްޕެއިން ހިންގަމުންދަނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އަޑީގައި ތިބެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ތުހުމަތު ކުރަށްވާފައެވެ.

އެކަމާ ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މެންބަރު އަނާރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ދާއިމީކޮށް ތިބޭނަމަ މުސްތަގުބަލުގައި ބޮޑެތި މައްސަލަތަކެއް ދިމާވެދާނެކަަމަށެވެ. އަނާރާ ވިދާޅުވީ އެކަމަކީ ސަރުކާރާއި ރައްޔިތުން ސަމާލުވާންޖެހޭ ކަމެއް ކަމަށެވެ.



އަނާރާ މިހެން ވިދާޅުވެފައިވާއިރު ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައިވާ ހުރިހާ އެއްބަސްވުމެއްގެ ތަފްސީލް ހޯދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިމަހުގެ ހަތްވަނަ ދުވަހު އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ ވަނީ ބޭރުކޮށްލާފައެވެ.

މަޖިލީހުގެ އިދާރާގައި ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދީނީ ހަރުކަށި ޓެރަރިސްޓް ޖަމާއަތްތަކުން ގައުމުތައް ހިފުމުގެ ކުރިން އަބަދުވެސް މަސައްކަތް ކުރާނީ ބައިނަލްއަގްވާމީ ގޮތުން އެ ގައުމެއް އެކަހެރި ކުރަން ކަމަށެވެ. "އިންޑިއާ އައުޓް" ކެމްޕެއިނަކީ އޭގެ ހަރަކާތެއް ކަމަށާއި އެކަން ކުރަނީ މަދު ބަޔަކު ކަމަށާއި އަދި ސިޔާސީ ޕާޓީއަކުން އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން