ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމި ނިންމުމަކީ ސިޔާސީ ވިސްނުމަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތާއި އިގުތިސާދީ ހާލަތަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް ތާއީދުކޮށް އޭނާ ނިސްބަތްވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ބަޔާން ނެރުނީ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ.

"ރައްޔިތުންގެ ލާބަޔަށް އަދި ގައުމުގެ މުސްތަގުބަލަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ." އައްބާސް ވިދާޅުވިއެވެ.

ހަމައެއާއެކު އައްބާސް ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 80 އާއި 100 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ.

"އެ 80 ނުވަތަ 100 މިލިއަން ރުފިޔާއިން ގައުމުގެ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުމުގައި އެ ފައިސާ ބޭނުންކުރެވިދާނޭ. ގައުމުގެ މުސްތަގުބަލަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ،" އޭނާ ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، އެމްޑީޕީން ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުނުކުރަނީ ސިޔާސީ ސަބަބުތަކަކަށްޓަކައި ކަމަށެވެ. އަދި، ވެރިކަން ކުރާ ޕީއެންސީން ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުކުރަނީ ވެސް ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން އައްބާސް ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް ލިބޭ އާމްދަނީއަށްވުރެ ބޮޑަށް ހޭދަކުރާ ގައުމެއް ކަމަށެވެ. އެހެންވެ، ރާއްޖެ އަބަދު ވެސް ހިންގަމުން އަންނަނީ ބޮޑެތި ލޯނުތައް ނަގައިގެންކަމަށާއި، ނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޚަރަދު ކުޑަކުރަން އަޅާ ކޮންމެ ފިޔަވަޅަކަށް އެމްޑީއޭއިން އަބަދު ވެސް ތާއީދުކުރާނެކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން މަޖިލީހުން ވަނީ ޤާނޫނު އަސާސީއަށް ބަދަލު ގެނެސްފައެވެ. ނަމަވެސް އެ ބަދަލު ތަސްދީޤު ކުރެވެނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށްވާތީ، ސަރުކާރުން މިހާރު ވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެކު ރައްޔިތުންގެ ރިފަރެންޑަމް ވޯޓު ނެގުމަށް ނިންމާފައެވެ.

މިބަދަލަށް ސަރުކާރު ހިންގާ ޕީއެންސީގެ އިތުރުން އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީން ވަނީ ތާއީދުކޮށްފައެވެ. މި ނިންމުމާ ދެކޮޅު ހަދަމުންދަނީ ހަމައެކަނި އިދިކޮޅު އެމްޑީޕީންނެވެ.



ކިޔުންތެރިންގެ ހިޔާލު