ސަނާ ޚާން. (ފޮޓޯ: ފޭސްބުކް)
ސަނާ ޚާން. (ފޮޓޯ: ފޭސްބުކް)
އިސްލާމްދީން ނަހީ ކުރާ ކަންކަމުން ދުރުހެލިވެ ފުރިހަމަ މުސްލިމެއްގެ ގޮތުގައި ދުނިޔޭގައި ދިރިއުޅުމުގެ އަޒުމުގައި ބޮލީވުޑްގެ ފިލްމީތަރި ސަނާ ޚާން ފިލްމު ކުޅުން ހުއްޓާލައިފިކަން ހާމަކޮށްފިއެވެ.

ސަނާ ޚާން ސޯޝަލް މީޑިޔާ މެދުވެރިކޮށް އޭނާ ފިލްމު ކުޅުން ހުއްޓާލައިފިކަން ހާމަކުރަމުން ބުނެފައިވަނީ، އެތައް އަހަރު ތަކެއް ހޭދަކުރެވުނު ފިލްމީ ދާއިރާއިން އެކި ގޮތްގޮތުން މަޝްހޫރުކަމާއި މުއްސަނދިކަން ލިބިފައި ވީނަމަވެސް، އިންސާނަކު ދުނިޔެއަށް އުފަންވެ އުޅެ ބޮޑުވަނީ މަޝްހޫރުކަމާއި މުއްސަނދިކަން ހޯދުމަށްތޯ، މިފަހަކުން އޭނާގެ ހިތުގައި ސުވާލު އުފެދެން ފެށި ކަމަށެވެ.

މިއާއެކު، އިންސާނަކު ދުނިޔެ އަށް އުފަންވެ އުޅެ ބޮޑުވާއިރު އެމީހަކު ވާންޖެހޭނީ އެހެންމީހުންނަށް އެހީތެރިވާ އިންސާނިއްޔަތަށް ލޯބިކުރާ މީހެއްގެ ގޮތިގައި ކަމަށް އޭނާއަށް ގަބޫލު ކުރެވެން ފެށިކަމަށްވެސް ސަނާ ޚާން ބުނެފައިވެއެވެ. އަދި ކޮންމެ މީހަކުވެސް ދިރިއުޅެންވާނީ ހަމަ ކޮންމެ ފަދަ ވަގުތަކުވެސް މަރު އައިސް ޖެހޭނެކަމަށް ގަބޫލުކޮށްގެން ކަމަށްވެސް ސަނާ ޚާން ބުނެފައިވެއެވެ.

ސަނާ ޚާންގެ ސުވާލުތަަަކަށް އިސްލާމް ދީނުގެ ރިވެތި އުސޫލުތަކާއި އަޚްލާގުން ލިބުނު ޖަވާބުތަކުން، ދުނިޔޭގެ މިހޭދަކުރާ ވަގުތަކީ ހަމައެކަނި އާޚިރަތުގެ އިމްތިހާނެއް ކަމަށް ގަބޫލުކުރެވުނު ކަމަށް ސަނާ ޚާން ބުނެފައިވެއެވެ.

މިހެންކަމުން، އިސްލާމް ދީން ނަހީ ކުރާ އަމަލް ތަކުން ދުރުހެލިވެ، އެހެންމީހުންނަށް އެހީތެރިވެ އުޅޭ، އިންސާނިއްޔަތަށް ލޯބިކުރާ މީހެއްގެ ގޮތުގައި އޭނާގެ އުޅުން ބަދަލުކޮށް އިސްލާމް ދީނުގެ ރިވެތި އުސޫލާއި އަޚުލާގާއި ހަމަތަކުގެ މަތީގައި އަމަލްތައް ބެހެއްޓުމަށް ނިޔަތްގަނެ އެގޮތުގައި ދުނިޔޭގައި އުޅުމަށް އޭނާ ނިންމާފައިވާކަމަށް ސަނާ ޚާން ބުނެފައިވެއެވެ. އަދި މިގޮތައް ދެމިހުރުމުގެ ވާގިވެރިކަން ދެއްވުމަށް، އޭނާއަށް ދުޢާކޮށްދިނުމަށް ސަނާ ޚާންގެ ސަޕޯޓަރުންގެ ކިބައިން އެދިފައިވެއެވެ.

ފިލްމީ ދާއިރާއިން ލިބުނު އެއްބާރުލުމަށް ސަނާ ޚާންގެ ސަޕޯޓަރުންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

2005 ވަނަ އަހަރުގެ ހިންދީ ފިލްމް "ޔެހީ ހެއި ހައި ސޮސައިޓީ" އިން އިންޑިޔާގެ ފިލްމީ ދާއިރާ އަށް ނުކުތް ސަނާ ޚާން ވަނީ ހިންދީ، މަލަޔާލަމް، ތެލެގޫ، ޓަމިލް، އަދި ކަންނަޑަ ބަހުގެ ފިލްމުތަކުގައި އެކްޓްކޮށްފައެވެ. މީގެ އިތުރުން، ސަނާ ޚާން ވަނީ އިންޑިޔާގެ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯ ބިގް ބޮސް އަދި ފިޔަރ ފެކްޓަރ އިން ވެސް ފެނިގެންގޮއްސައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން