ޒަކާތާބެހޭ ގާނޫނުގެ ދަށުން، ޒަކާތް ދައްކަންޖެހޭ ފަރާތްތައް ދެނެގަނެ، އެފަރާތްތައް ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް އައު ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް ޒަކާތު ހައުސްއިން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޒަކާތު ހައުސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނަރަލް މޫސާ މުޢިއްޒު ވިދާޅުވީ، ޒަކާތާބެހޭ ގާނޫނު އައުމުގެ ކުރިން ޒަކާތް ދައްކަންޖެހޭ މީހުންގެ މައުލޫމާތުތައް ވަކި ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުން ގޮސްފައިނުވާ ކަމަށެވެ. އަދި ކުރިން ޒަކާތް ދެއްކުމަކީ ހަމައެކަނި ފަރުދީ ޒިންމާއެއްގެ ގޮތުގައި އޮތް ކަމެއް ނަމަވެސް، އަލަށް އެކުލަވާލާ ގަވާއިދުތަކާއެކު މި ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މޫސާ މުޢިއްޒު އިތުރަށް ވިދާޅުވީ ޒަކާތާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް ހަދާ ގަވާއިދު ވަރަށް އަވަހަށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވޭނެ ކަމަށެވެ. މި ގަވާއިދު އައުމުން ޒަކާތް ދައްކަންޖެހޭ މީހުން ދެނެގަތުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒަކާތް ދައްކާ ފަރާތްތަކުގެ އިތުރުން، ޒަކާތް ޙައްޤުވާ މީހުންގެ ދަފްތަރު ހަރުދަނާކުރުމުގެ މަސައްކަތްވެސް ޒަކާތު ހައުސްއިން ދަނީ ކުރަމުންނެވެ. އެގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެމީހެއްގެ ހާލަތު ބަޔާންކޮށް ހުށަހަޅާ ފޯމު، އަހަރުގެ ކޮންމެ ދުވަހަކުވެސް ހުށަހެޅޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި ކޮންމެ ދެ އަހަރަކުން އެއްފަހަރު މި ދަފްތަރު ރިވިއުކުރާނެ ކަމަށާއި، އެ މަރުޙަލާގައި އަލުން ފޯމު ހުށަނާޅާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތުދެއެވެ.

ރާއްޖޭގައި މުދަލު ޒަކާތް ދައްކާ މިންވަރު އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ނިމިދިޔަ މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި 11.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.



ކިޔުންތެރިންގެ ހިޔާލު