ދިވެހިރާއްޖޭގައި ބާއްވާ ތަފާތު އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.

ޝިހާބު މި މޭރުމުން ވިދާޅުވީ، "ހޭލުން" ނަމުގައި ގެނެސްދޭ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައްޔިތުންގެ މަޖިލީހުގައި 24 އަހަރަށް ވުރެ ގިނަ މުއްދަތަކަށް މެންބަރުކަން ކުރައްވާފައިވާ ޝިހާބު ވިދާޅުވީ، އިރުއިރުކޮޅާ އިންތިޚާބުތައް ބޭއްވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، ރާއްޖެ ފަދަ ޤައުމަކަށް އެންމެ އައުލާކަން ބޮޑީ ހުރިހާ އިންތިޚާބެއް އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވަޒީރުކަން ކުރައްވާފައިވާ އަދި ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ވެރިކަމުގައި އެޑްވައިޒަރުގެ މަޤާމުވެސް ފުރުއްވާފައިވާ ޝިހާބު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ އިންތިޚާބެއް ވަކިވަކިން ބޭއްވުމަކީ ދައުލަތުން ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމެކެވެ.

"މި އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވިއްޖެނަމަ ވަރަށް ގިނަ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން." ޝިހާބު ވިދާޅުވިއެވެ.

ހަމައެއާއެކު ޝިހާބު ވިދާޅުވީ، ހުރިހާ އިންތިޚާބުތަކަށް ރައްޔިތުންގެ ޝައުޤުވެރިކަން އުފެއްދުމަކީ މިހާރު އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބަށް އޮންނަ ފޯރިއާއި ޝައުޤުވެރިކަން މަޖިލީސް އިންތިޚާބަށް ނޯންނަ ކަމަށާއި، އަދި ކައުންސިލް އިންތިޚާބުތަކަށް އޮންނަ ޝައުޤުވެރިކަން އެއަށްވުރެ ކުޑަކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ހުރިހާ އިންތިޚާބެއް އެއް ދުވަހެއްގައި ބާއްވާނަމަ، ގިނަ ރައްޔިތުންގެ ބައިވެރިވުން ހުރިހާ އިންތިޚާބަކަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުތައް އެކުއެކީގައި ކުރިއަށް ގެންދިއުމުން އިންސާފުވެރިކަން އިތުރަށް ކަށަވަރުވާނެ ކަމަށްވެސް ޝިހާބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދެ އިންތިޚާބަށް ވޯޓުލާން ނުކުންނައިރު ރައީސަކަށް އަންނާނީ ކޮން ބޭފުޅެއްކަން ނޭނގޭނެތީ، ނުފޫޒުތަކަށް އޮންނަ ފުރުސަތު ހަނިވެ، މަޖިލީހަށް އެންމެ ޤާބިލު ބޭފުޅުން ހޮވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ ހުރިހާ އިންތިޚާބެއް އެއް ދުވަހެއްގައި ބޭއްވުން. ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހާއި އަދި ދެން އަންނާނެ ރިޔާސީ އިންތިޚާބެއް އެއް ދުވަހެއްގައި ބޭއްވުމާމެދު އަޅުގަނޑުމެންނަށް ފެންނަ ގޮތެއް ނިންމުން. އެގޮތުގައި އަޅުގަނޑަށް ބުރަވެވެނީ ދެ އިންތިޚާބު އެއް ދުވަހަކަށް ބަދަލުކޮށްލެވުނީމަ ވަރަށް ބޮޑެތި ފައިދާތަކެއް ޤައުމަށް ލިބިގެންދާނެ ކަމަށް،" ޝިހާބު ވިދާޅުވިއެވެ.

ޝިހާބު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީން ބުނެފައިވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިފިނަމަ ތިންބާރު އެކެއްގެ މުށުތެރެއަށް ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު