އިރާގުގެ ކުރުދިސްތާން ސަރަހައްދުގައި ހުންނަ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކޮންސިއުލޭޓް ޖެނެރަލްއަށް އަމާޒުކޮށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ހަމަލާއަކީ އިރާނުން ދިން ހަމަލާއެއް ކަމަށް ރިޕޯޓުކޮށްފައިވާއިރު، އިރާގުގެ ކުރުދިސްތާންގެ ކައުންޓަރ ޓެރަރިޒަމް ސާވިސްއިން ބުނެފައިވަނީ ތިން ޑްރޯންއެއް ވައްޓާލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ޑްރޯންގެ ބައިތައް ވެއްޓިފައިވަނީ ޔޫއޭއީ ކޮންސިއުލޭޓް ހުންނަ ސަރަހައްދަށް ކަމަށްވެސް އެ ސާވިސްއިން މައުލޫމާތުދެއެވެ. ނަމަވެސް މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ކުރުދިސްތާންގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

މި ހަމަލާއާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑިޕްލޮމެޓިކް މިޝަންތަކަށް އަމާޒުކޮށް ދެވޭ މިފަދަ ހަމަލާތަކަކީ، ޑިޕްލޮމެޓިކް ގުޅުންތަކާބެހޭ ވިއެނާ ކޮންވެންޝަނާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ގޮތުން ގާއިމުކޮށްފައިވާ ޑިޕްލޮމެޓިކް އުސޫލުތަކާއި ހަމަތަކާ ބީރައްޓެހި އަމަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ޑިޕްލޮމެޓިކް މިޝަންތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކޮށް، ޔޫއޭއީގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން ސާބިތުކަމާއެކު އޮތްކަން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، ފޮރިން މިނިސްޓްރީން ވަނީ އިޒްރޭލާއި އެމެރިކާއިން އިރާނަށް ދޭ ހަމަލާތަކާއި، އިރާނުން ގަލްފު ގައުމުތަކަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށްވެސް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، އިރާނުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވެއިތު، ބަހްރެއިން އަދި ގަލްފުގެ އެހެންވެސް ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ސަރުކާރުން އަބަދުވެސް ގޮވާލަނީ ސަރަހައްދީ ހަމަޖެހުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ކުރުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު