ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑު (ސްޓްރަކްޗަރ) ރޫޅި، ގައުމުގައި އެތައް ގޯސްތަކަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ، ސަރުކާރުން ކުރަން އުޅޭ ރަނގަޅު ކަންކަމަށްވެސް އިދިކޮޅު އެމްޑީޕީން ހުރަސްއަޅާ ކަމަށް ބުނެ، ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ އާރިފް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޖަމީލް ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމަކީ ގާނޫނުއަސާސީ ލިޔުއްވި ބޭފުޅުންގެ ތަސައްވުރާ މުޅިން ޚިލާފު ކަމެއް ކަމަށެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަންކޮށްފައިވަނީ ރިޔާސީ ނިޒާމަށާއި، ރައީސުލްޖުމްހޫރިއްޔާއަށާއި، ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވާނެ ތަޖުރިބާހުރި މަޖިލީހެއް އޮންނަ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބޮޑެތި ބަދަލުތަކަކީ ޑިމޮކްރެޓިކް ގައުމުތަކުގައި މިހާ ފަސޭހަކޮށް ކުރާ ކަންކަން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އިސްލާމީ ޝަރީޢަތުގެ އެއް އުސޫލަކީ ނުބައިކަންތަކަށް ޖާގަލިބޭ ކޮންމެ ދޮރެއް ބަންދުކުރުން. މި ރެފްރެންޑަމަކީ އެތައް ގޯހަކަށް ހުޅުވިގެންދާނެ ދޮރެއް،" ޖަމީލް ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރުމުގެ ނަމުގައި ދެ އިންތިޚާބު އެއްކޮށްލަން އުޅޭ އުޅުމަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ، މި ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ވާހަކަ ދެއްކުމަކީ ޑޮނަލްޑް ޓްރަމްޕް ނޯބެލް ސުލްހައިގެ އިނާމު ހޯދަން އުޅުން ކަހަލަ ކަމެއް ކަމަށެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކަށާއި، ކުންފުނިތަކަށާއި، އެމްބަސީތަކަށް ކުރާ ޚަރަދަކީ އިންތިޚާބެއްގެ ޚަރަދަށްވުރެ އެތައް ހާސް ގުނައެއް ބޮޑު ޚަރަދެއް ކަމަށާއި، އެހެންކަމުން ޚަރަދުގެ ބަހަނާއަކީ ދެކޮޅުނުޖެހޭ ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވީ، މިއަދު ގައުމުގެ ކަންކަމުގައި ބަސްބުނަން ތިބީ ތަންދޮރު ނުދަންނަ "ރުވައިބިޟާ" އިން ކަމަށެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޢަލީ އާރިފް ފަދަ ބޭފުޅުންނަކީ އިލްމީ ވާހަކަ ދައްކަން އެނގޭނެ ބޭފުޅުން ނޫން ކަމަށާއި، އެ ބޭފުޅުންނަކީ ޕީޕީއެމް/ޕީއެންސީ ތެރެއަށް ފަހުވަގުތު ވަދެގަތް ބޭފުޅުން ކަމަށްވެސް ޖަމީލް ތުހުމަތު ކުރެއްވިއެވެ.

ޖަމީލްގެ ޕޯސްޓު ނިންމާލާފައިވަނީ އިންތިޚާބުތައް އެއްކޮށްލުމާ މެދު ނަގާ ރެފްރެންޑަމަށް "ނޫނެކޭ" ބުނުމަށް ރައްޔިތުންނަށް ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު