ޚަރަދުތައް ކުޑަކުރަން ކަމަށް ބުނެ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނަގާ ރެފަރެންޑަމް ވޯޓާއި ގުޅިގެން ކުރީގެ ބަންޑާރަނައިބު އަޙްމަދު ސަވާދު އާދަޔާޚިލާފު ހުށަހެޅުމެއް ހުށަހަޅުއްވައިފިއެވެ.

މިކަމާ ގުޅޭގޮތުން ކުރީގެ ބަންޑާރަ ނައިބް ސަވާދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ ޚަރަދު ކުޑަކުރުމުގެ "ނިވަލުގައި" ތިބެގެން ހަމައެކަނި ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރަށްވާފައެވެެ. ސަވާދު ވިދާޅުވީ ޚަރަދު ކުޑަކުރުމަކީ އަސްލު މަޤްޞަދު ކަމަށްވާނަމަ، މިއަށްވުރެ މާ ބޮޑަށް ޚަރަދު ކުޑަވާނެ ގޮތްތައް އެބަހުރި ކަމަށެވެ.

އެގޮތުން ސަވާދު ހުށަހެޅުއްވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގެ ތިން ހަތަރު ދައުރު އެއްކޮށްލުމަށެވެ. އޭނާގެ ހުށައެޅުއްވުމަކީ އެއްފަހަރާ 20 އަހަރުގެ ދައުރަކަށް އިންތިޚާބެއް ބޭއްވުމެވެ. ސަވާދު ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ކަންތައް ކުރުމުން ދައުލަތުން އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދު ބޮޑުތަނުން ކުޑަވެގެންދާނެއެވެ.

މީގެ އިތުރުން، މިފަދަ ބަދަލެއް ގެނައުމުން ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ލިބޭ މަންފާ މާ ބޮޑުވާނެ ކަމަށްވެސް ސަވާދު ވިދާޅުވިއެވެ.

ސަވާދުގެ މި ވާހަކަތަކަކީ ސަރުކާރުން އިންތިޚާބުތައް އެއްކޮށްލަން އުޅޭ އުޅުމަށް ނުސީދާގޮތެއްގައި ކުރެއްވި ފާޑުކިޔުމެއް ކަމަށް ބެލެވެއެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ހަމަޖެއްސުމަށް ޤާނޫނު އަސާސީ އިސްލާހުކޮށް އެ އިސްލާހު ތަސްދީޤުކުރުމާއި މެދު ރައްޔިތުން ދެކޭގޮތް ބަލަން ފެންނަ ނުފެންނަ ވޯޓެެއް ނަގަން ނިންމާފައެވެ. އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އެކު ނަގާ މި ވޯޓުގެ ބޭނުމަކީ އިންތިޚާބުތަކަށް ހިނގާ އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރުން ކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު