މިއަހަރުގެ ފިޠުރު ޢީދު ދުވަސް ކަނޑައެޅުމަށްޓަކައި، ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން މި ހިނގާ މާރިޗު މަހުގެ 18 ވާ ހޯމަ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.

ޑީޖޭއޭއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މާލޭގައިނަމަ ހެކިބަސް ދޭންވާނީ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ކޯޓަކާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިމަތީގައި ހެކިބަސް ދެވޭނެ ކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.

ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު، ހަނދު ހުރި އުސްމިނާއި، މިސްރާބާއި، އަދި މި ނޫންވެސް ހަނދު ސާބިތުކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދޭންވާނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ރަމަޟާން މަހުގެ 29 ވާ 18 މާރިޗުވާ ހޯމަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްތަކުގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ އިދާރާތައް ހުޅުވާފައި ހުންނާނެއެވެ.

އެހެންކަމުން، މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް، މާލޭގައިނަމަ ޑީޖޭއޭއަށް އަދި ރަށްރަށުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެ ހަނދާބެހޭ މައުލޫމާތު ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު