ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުން އަޅުވެތިކުރާ ރަސްކަލެއްގެ ގޮތުގައި ކަމަށް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިސްމާޢިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ، ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ގެންނަމުންދާ ކޮންމެ ބަދަލެއްގެ ހަގީގީ އަމާޒަކީ ރާއްޖޭގައި ރަސްކަމެއް ފަދަ މުތުލަގު ބާރުވެރިކަމެއް ގާއިމުކުރުމެވެ.

ޒަރިޔަންދުގެ ޕޯސްޓުގައި ސަރުކާރުން ރާވަމުންދާ ބައެއް ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އުޅެނީ ރައްޔިތުންގެ ބާރުތައް ހަނިކުރުމުގެ ނިޔަތުގައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"ކައުންސިލް އިންތިޚާބަކީ އެންމެ މަދުން މީހުން ވޯޓުލާ އިންތިޚާބުކަން ސަރުކާރަށް އެނގިތިބެ، ވޯޓުލާ މީހުން އިތުރަށް މަދުކުރުމަށް ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާގޮތަށް ހަދައި، ރައްޔިތުން އަޅުވެތިކުރުމުގެ އައު ބާބެއް ކަނޑައެޅުމަށް މި މަސައްކަތް ކުރަނީ" ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިފަރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓަކީ ނުހަނު މުހިންމު ވޯޓެއް ކަމަށެވެ. އަދި މި ވޯޓުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ، ސަރުކާރުގެ މި ނިންމުންތަކާ ދެކޮޅަށް "ނޫނެކޭ" ވިދާޅުވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޒަރިޔަންދުގެ މި ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ، ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޚާއްޞަކޮށް، ޚަރަދު ކުޑަކުރުމުގެ ނަމުގައި އިންތިޚާބުތައް އެއްކޮށްލުމަށް ކުރާ މަސައްކަތަކީ ޑިމޮކްރަސީގެ އުޞޫލުތަކާ ޚިލާފު، އަދި ރައްޔިތުންގެ ބައިވެރިވުން ކުޑަކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު