ހިނގަމުންދާ ކުރިމަތިލުންތައް ނިންމާލާނެ ވަގުތު ކަނޑައަޅާނީ ތެހެރާނުން ކަމަށާއި އެއީ އެމެރިކާއާއި އިޒްރޭލަށް ނިންމޭނެ ކަމެއް ނޫން ކަމަށް އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަލީ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މޭޖަރ ޖެނެރަލް އަލީ ޢަބްދުﷲ މިގޮތަށް ވިދާލުވީ ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޭތުވެދިޔަ 10 ދުވަހުގެ ހަނގުރާމައަކީ "ކުރު މުއްދަތުގެ ދަތުރެއް" (ޝޯޓް-ޓާމް އެކްސްކާޝަން) ގެ ގޮތުގައި ސިފަކުރައްވައި މިކުރިމަތިލުންތައް ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށް ވިދާޅުވުމާގުޅިގެން އެއަށް ރައްދުދެއްވުމުގެ ގޮތުންނެވެ،

ފްލޮރިޑާގެ ޑޯރަލްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވަނީ ވޭތުވެދިޔަ 10 ދުވަހުގެ ހަނގުރާމައަކީ "ކުރު މުއްދަތުގެ ދަތުރެއް" (ޝޯޓް-ޓާމް އެކްސްކާޝަން) ގެ ގޮތުގައި ސިފަކުރައްވާފައެވެ.

ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް ވިދާޅުވި ނަމަވެސް، ހޯރްމޫޒް ކަނޑުއޮޅިން މުދާ އުފުލާ އުޅަނދުތަކަށް ހުރަސްއަޅަމުންދާ ނަމަ، އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ އީރާނަށް ވަރުގަދަ އިންޒާރެއްދެއްވާފައެވެ. "ޓެރަރިސްޓް ނިޒާމަކުން މުޅި ދުނިޔެ ރަހީނުކޮށް، ދުނިޔޭގެ ތެލުގެ ސަޕްލައި ހުއްޓުވަން ކުރާ މަސައްކަތަށް އަޅުގަނޑު ފުރުސަތެއް ނުދޭނަން. އީރާނުން އެފަދަ ކަމެއް ކޮށްފިނަމަ، މިއަށްވުރެ މާ ވަރުގަދަ ހަމަލާތަކެއް އެ ގައުމަށް ކުރިމަތިވާނެ،" ޓްރަމްޕް ވިދާޅުވިއެވެ.

އަދި އީރާނުގެ ޑްރޯން އާއި މިސައިލް އުފައްދާ މަރުކަޒުތައް ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރު އީރާނުގެ މިސައިލް ގާބިލްކަން 10 އިންސައްތައަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށް ވެސް ޓްރަމްޕް ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.

ޓްރަމްޕުގެ މި އިންޒާރުތަކަށް ރައްދުދެއްވަމުން އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަލީ ޢަބްދުﷲ ވަނީ ދުޝްމަނުން ދިން ހަމަލާތަކާމެދު އެބައިމީހުން އަމިއްލައަށް ހިތާމަކުރަންދެން ބަދަލުހިފުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ވައުދު ވެ ވެވަޑައިގެންފައެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ޢަބްދުﷲ ވިދާޅުވިގޮތުގައި އެމެރިކާއާއި އިޒްރޭލަށް ބޭނުންހާ ވަގުތަކު ހަނގުރާމަ ނިންމައެއް ނުލެވޭނެ" ކަމުގައެވެ. އަދި އިސްލާމީ ޖުމްހޫރިއްޔާގެ އެންމެ މަތީ ލީޑަރާއި ސިފައިން ބޭނުންވަނީ ބަދަލުހިފުމެވެ. އަދި ދުޝްމަނުން ކުރި ކަންތަކާ ދެރަވެ، ބަލިވަންދެން މި ހަނގުރާމަ ކުރިއަށް ގެންދާނެ ކަމުގައިވެސް އޭނާ ވަނީ ވިދާޅުވިއެވެ.

"އެމެރިކާއާއި އިޒްރޭލަށް ބޭނުންހާ ވަގުތަކު ހަނގުރާމަ ނިންމައެއް ނުލެވޭނެ އަދި އިސްލާމީ ޖުމްހޫރިއްޔާގެ އެންމެ މަތީ ލީޑަރާއި ސިފައިން ބޭނުންވަނީ ބަދަލުހިފަން، ދުޝްމަނުން ކުރި ކަންތަކާ ދެރަވެ، ބަލިވަންދެން އަހަރެމެން މި ހަނގުރާމަ ކުރިއަށް ގެންދާނަން،" އީރާނުގެ ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމުގައި މޭޖަރ ޖެނެރަލް އަލީ ޢަބްދުﷲ ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނުގެ ރޫހާނީ ތަޅުވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ އެކު ފެށުނު މި ހަނގުރާމައިގައި، މިހާތަނަށް އީރާނުގެ 5،000 އަށް ވުރެ ގިނަ އަމާޒުތަކަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދީފައިވާ ކަމަށް ޓްރަމްޕް ހާމަކުރެއްވިއެވެ. މި ހަމަލާތަކުގައި އީރާނުގެ ނިއުކްލިއާ މަރުކަޒުތަކާއި، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ އިތުރުން ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި ފެން އުފައްދާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު