މިއަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު މާލޭގެ ބާޒާރުގައި އާންމުކޮށް ބޭނުންކުރާ އަސާސީ މުދަލުގެ އަގުތައް މައްޗަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ފެބްރުއަރީ މަހުގެ އެސެންޝަލް ކޮމޯޑިޓީޒް ޕްރައިސް އިންޑެކްސް (އީސީޕީއައި) ރިޕޯޓުގައިވާ ގޮތުން، ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު މާލޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ވަނީ 1.54 އިންސައްތަ އިތުރުވެފައެވެ. އަދި ވޭތުވެދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު 1.04 އިންސައްތައިގެ އިތުރުވުމެކެވެ.

އެގޮތުން މިދިޔަ ފެބްރުއަރީ މަހު އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ ކާބޯތަކެތީގެ ބާވަތްތަކުންނެވެ. އެގޮތުން ކާބޯތަކެތީގެ އަގުތައް ވަނީ ޖުމްލަކޮށް 2.06 އިންސައްތައަށް މައްޗަށް ގޮސްފައެވެ.

ވަކިވަކި ބާވަތްތަކަށް ބަލާއިރު، ބާޒާރުގައި އެންމެ ބޮޑަށް އަގު އުފުލިފައިވަނީ މޭވާގެ ބާވަތްތަކުންނެވެ. ޖެނުއަރީ މަހާ އަޅާބަލާއިރު މޭވާގެ އަގު 9.57 އިންސައްތަ އުފުލިފައިވާއިރު، ތަރުކާރީގެ އަގު ވަނީ 3.46 އިންސައްތަ މައްޗަށް ގޮސްފައެވެ. ނަމަވެސް، މަހުގެ ބާވަތްތަކުގެ އަގު ވަނީ 1.03 އިންސައްތަ ދަށަށް ގޮސްފައެވެ.

ކާބޯތަކެތީގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ގޭހުގެ އަގު 0.85 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، ކިރާއި ބިހުގެ ބާވަތްތަކުގެ އަގު 0.53 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ. ހަމައެއާއެކު ގޮދަނުގެ ބާވަތްތަކުގެ އަގު 0.34 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، ތެލާއި ފެޓްސްގެ ބާވަތްތަކުގެ އަގު 0.65 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ.

މިދިޔަ މަހު އަގު ހެޔޮވި ބާވަތްތަކަށް ބަލާއިރު، އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ (ޕާސަނަލް ކެއާ) ސާމާނުގެ އަގު 0.33 އިންސައްތަ ވަނީ ހެޔޮވެފައެވެ. އަދި އެހެނިހެން ކާބޯތަކެތީގެ ބާވަތްތައް 0.13 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.

ފެބްރުއަރީ މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާލޭގެ ބާޒާރުގައި ޖުމްލަ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު މައްޗަށް ދިއުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ މޭވާއާއި ތަރުކާރީގެ އަގު އުފުލުމެވެ.



ކިޔުންތެރިންގެ ހިޔާލު