ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ވ). އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ).
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ވ). އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ).
2018 ގެ ރިޔާސީ އިންތިޚާބު ބާތިލް ނުކުރެވުނީ އުއްތަމަ ފަނޑިޔާރަކަށް ޖަސްޓިސް ރިޓަޔަރޑް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ހުންނެވުމުން ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަކީ ޙުކުމް ވިއްކާ މީހެއްކަމަށް ތަފްސީރު އިލްމުވެރިޔާ ޑރ. އިޔާޒް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ. އަލްހާން ވިދާޅުވީ، ފަނޑިޔާރު ޑރ. ދީދީ ހުކުމް ވިއްކި ކަމަށް ބުނެ ޑރ. އިޔާޒް ހައްދަވަނީ އިތުރުފުޅު ކަމަށެވެ. އަދި ލަދެއް ނެތި ބުހުތާން ދޮގު ހަދާ ތިމާގެ މުސްލިން އަޚާގެ އަބުރު ކަތިލުމަކީ ސުންނަތެއްތޯ އަލްހާން ވަނީ ސުވާލު ކުރަށްވާފައެވެ.

"ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ނޫން ބޭފުޅަކު އެ މަޤާމުގައި ހުންނެވިނަމަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ކޯޓުން ބާޠިލުކޮށް އިލެކްޝަންސް ކޮމިޝަނަރު ޖަލަށްވެސް ލީސް! ވެރިކަމުގައި ހުންނަވާނީވެސް ހަމަ ރައީސް ޔާމީން!" ބައެއް ފަނޑިޔާރުންނާއި ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް ބުނާ އަލްހާން ވިދާޅުވެފައި ވެއެވެ.

އަލްހާން ވަނީ އޭނާގެ އެބަހަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ހެކިވެ ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި މީހުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވާއިރު، އިޔާޒު މީހުންނަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމް ކުރުމަށް ހިތްވަރުދީ މަސައްކަތް ކޮށްފައި ހުރިކަމުގެ ހެކި އެބަހުރިކަމަށް އަލްހާން ވިދާޅުވިއެވެ.

އަދި ދިވެހި ސިޔާސީ ޕާޓީގެ ނިޒާމުގައި ދީނީ ތަޢުލީމު އުނގެނިގެން ތިއްބެވި ސިޔާސީ ޝައިޚުން އަދާލަތު ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެއްވި ކަމަށާއި، އެޕާޓީ ވިއްސިވިހާލިވެ ޝައިޚުން ބައިބައިވެ، ސިޔާސީ ފައިދާ އޮތް ގޮތަކަށް ފަތުވާ ދެއްވަމުންދާކަމީ އެންމެން ޤަބޫލުކުރާނެ ޙަޤީޤަތެއް ކަމަށް އަލްހާން ވިދާޅުވިއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަށް އިޝާރާތް ކުރަށްވައި ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހައްޤުބަސް ބުނަން ފުރުސަތު ލިބި އެފުރުޞަތުގެ ބޭނުން ޙައްޤު ގޮތުގައި ނުކުރަށްވައި މިއަދު ދައްކަވާ ވާހަކަތައް ޤަބޫލު ކުރައްވަން ދަތިކަމަށެވެ.

އިޔާޒްގެ ވާހަކަތަކާ ގުޅިގެން ޑރ. ޑީޑީ ވިދާޅުވީ، އިސްލާމީ ދައުލަތަކަށް ދިމާވާނެ އެންމެ ބޮޑު ނުރައްކަލަކީ ޢަލްމާނީ ލާދީނީ ނިޒާމްތަކަށް އެއްބާރުލުން ދީގެން، ދީނީ ފޭރާން ލައިގެން ތިބޭ މުނާފިޤު ޝައިޚުން ކަމަށެވެ. އަދި ފަހުޒަމާނުގެ މުނާފިޤު ޝައިޚުންގެ ސަބަބުން އިސްލާމީ އުއްމަތަށް ކުރިމަތިވި އިޢާދަނުކުރެވޭނެ ގެއްލުން އިސްލާމީ ތާރީޚް ހެކިދޭ ކަމަށް ޑރ. ދީދީ ވިދާޅުވިއެވެ.

ޑރ. ދީދީ އަށް ތާޢީދު ކުރަށްވައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަޙްމަދު ޙައިލަމް ވިދާޅުވެފައި ވަނީ، ޙައްޤު ބަހަކީ ތުނބުޅި ދިގުކޮށްގެން އުޅޭ ބަޔަކު "ދީން ހިމާޔަތް" ކުރުމުގެ ނަމުގައި ކޮންމެ ފަހަރަކު ސިޔާސީގޮތުން ބައިޢަތު ހިފާ ކޮޅަކަށް ބުނާ ބަހަކަށް ވާކަށް ނުޖެހޭ ކަމަށެވެ.

މި މައްސަލާގައި ހޫނު ޒުވާބެއް ސޯޝަލް މީޑިއާގައި ފެށިފައިވާއިރު، މީގެ ކުރިން އަލްހާން ވަނީ ރާއްޖޭގެ ކުރީގެ ލަވަކިޔުންތެރިޔާ ޢަލީ ރަމީޒް، އައިއެސް އާއި އަލްގާއިދާގެ ވާހަކަ މިހާރު ރައްޔިތުން ބަލައިނުގަންނާނެ ކަމަށް ވިދާޅުވުމުން އެކަމަށްވެސް ރައްދު ދެއްވާފައެވެ. އަލްހާން ވިދާޅުވީ އައިސިސްއާއި އަލްޤައިދާގެ ވާހަކަ ދިވެހިން ޤަބޫލުކުރާ ކަމަށާއި، އަލީ ރަމީޒް އުޅުއްވަނީ ބޮލުގައި ބިދުޢަވެރި ފަގުޑިއެއް އަޅައިގެން ކަމަށެވެ.

"ޢަލީ ރަމީޒު އަލުން އިޝްގީ ލަވަ ކިޔަން ފަށަންވީ! އައިސިސް އާ އަލްގައިދާގެ ވާހަކަ ދިވެހިން ގަބޫލުކުރޭ! ބޮލުގަ ބިދުއަވެރި ފަގުޑިއެއް އަޅައިގެން އޮޅުވާނުލާ!" އަލްހާން ވިދާޅުވިއެވެ.

އަލްހާންގެ މި ވާހަކަތަކާއި ގުޅިގެން ޢަލީ ރަމީޒު ވަނީ އޭނާގެ ޓްވިޓަރ އެކައުންޓުން އަލްހާން ބްލޮކް ވެސް ކޮށްލައްވާފައެވެ. އެކަމާ ހިތްހަމަ ނުޖެހި ރުޅި ގަދަވެގެން ކުރެއްވި ޓްވީޓެއްގައި އަލްހާންވަނީ ޢަލީ ރަމީޒް ޓްވިޓަރ އިން އޭނާ ބްލޮކް ކޮށްލާފައިވާ ކަމަށް ވިދާޅުވުމަށްފަހު، އެކަމުގެ ސަބަބު ހޯދަން މޫނަށް ބަލަންވީ ކަމަށް ވިދާޅުވެ، ޢަލީރަމީޒްގެ ކުރިން ކިޔާފައިވާ ލޯބީގެ ލަވަޔަކުން ޢަލީ ރަމީޒަށް ރައްދު ދެއްވާފައެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު ވެގެންދިޔަ އަދި އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ލަވަކިއުންތެރިއާ އަލީ ރަމީޒު ލަވަކިއުން ހުއްޓާލާ މިއުޒިކާއި ދުރަށް ވަޑައިގެންނެވިތާ އެތައް އަހަރެއް ވެއްޖެއެވެ. އޭނާ ލަވަކިޔުމާއި ދުރަށް ވަޑައިގެންނެވި ފަހުން މުޅިންވެސް ފެންނަނީ އިސްލާމްދީން ކުރިއެރުވުމާއި ރާއްޖޭގައި ދީނީ ޢިލްމް ފެތުރުމުގެ މަސައްކަތުގައި އުޅުއްވާ ތަނެވެ. އެގޮތުން ތަފާތު ޓީވީ ޗެނަލް ތަކާއި ރޭޑިއޯ ޗެނަލް ތަކުގައި ދީނީ ޕްރޮގްރާމްތައް ހުށައެޅުއްވުމާއި ޔޫ ޓިއުބާއި އެހެނިހެން މީސް މީޑިއާގެ ވިއުގަތަކުން ވެސް އޭނާ ގެންދަވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަށްވަމުންނެވެ.

މީސް މީޑިއާގައި އަލްހާން ފަހުމީ ޢަލީ ރަމީޒާއި ދެކޮޅަށް ފަށްޓަވާފައިވާ ކެމްޕޭނާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާގެ އެމަސައްކަތަށް ފާޑު ކިޔައި ނުރުހުން ފާޅުކުރަމުންނެވެ. އަލްހާނަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރަށްވާނެ ކަމަށް އިޢުލާން ކުރަށްވައި އެކަމަށް ކެމްޕޭން ކުރަށްވަމުން ވެސް ގެންދަވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން