މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ނިމިދިޔަ މަހު އެކަނިވެސް 666 މިލިއަން ރުފިޔާ ހޯދައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ފައިސާއަކީ އެކި މަރުހަލާތަކުގެ ތެރެއިންނާއި ތަފާތު އިޖުރާއާތްތައް ފުރިހަމަކޮށްގެން ހޯދާފައިވާ ފައިސާއެވެ. އެގޮތުން އެންމެ ބޮޑު އަދަދެއް ހޯދާފައިވަނީ ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވައިގެންނެވެ.

ނޯޓިސް ފޮނުވައިގެން 399 މިލިއަން ރުފިޔާ ހޯދާފައިވާއިރު، ޑިއުސް ކްލިއަރެންސް ނުވަތަ ޚިދުމަތްތައް ހޯދުމަށް ދައްކަންޖެހޭ ފައިސާ ސާފުކުރުމުގެ ތެރެއިން 156 މިލިއަން ރުފިޔާ ވަނީ ދައުލަތުގެ ބަޖެޓަށް އިތުރުވެފައެވެ.

މީގެ އިތުރުން، ފައިސާ ދެއްކުމަށް ދަތިތަކެއް ހުރި ފަރާތްތަކަށް ހަމަޖައްސައިދީފައިވާ އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން 61 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކަށް ފޯނުންނާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ހަނދާންކޮށްދީގެން 34 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން އަޅާ ހަރުކަށި ފިޔަވަޅުތަކުގެ ދަށުންވެސް ބޮޑެތި އަދަދުތަކެއް ވަނީ ހޯދާފައެވެ. އެގޮތުން ތަފާތު ފިޔަވަޅުތައް އަޅައިގެން 11 މިލިއަން ރުފިޔާ ހޯދާފައިވާއިރު، ބޭންކް އެކައުންޓްތައް ފްރީޒްކޮށްގެން ނުވަތަ ހިފަހައްޓައިގެން 5 މިލިއަން ރުފިޔާ ހޯދާފައެވެ.

މިދިޔަ މަހު ހޯދި މި ބޮޑު އަދަދަކީ މި އަހަރުގެ ޖެނުއަރީ މަހު ނުލިބި ހުރި ފައިސާގެ ތެރެއިން ހޯދި 531 މިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.



ކިޔުންތެރިންގެ ހިޔާލު