މަރްޔަމް ނަހްދާ ވަޙީދު   9 މާރިޗު 2026 - 10:28
ބޭކްޑް ޕާސްތާއަކީ ރޯދަވީއްލާ ގަޑިއަށް ތައްޔާރުކޮށްލަން ވަރަށް މީރު އަދި ބަނޑަށް ފަސޭހަ ކާއެއްޗެކެވެ. ތިރީގައި މިވަނީ ވަރަށް ފަސޭހައިން މީރުކޮށް ބޭކްޑް ޕާސްތާ ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެވެ.

ތައްޔާރުކުރާނެ ގޮތް:

- 500 ގްރާމް ޕާސްތާ

- 250 ގްރާމް ކުދިކޮށް ކޮށާފައިވާ ކުކުޅު

- 1 ފިޔާ (ހިމުންކޮށް ކޮށާފައި)

- 1 ސައިސަމުސާ އިނގުރު އަދި ލޮނުމެދު ޕޭސްޓް

- 2 ސައިސަމުސާ ހަވާދު (މިރުސް،

އަސޭމިރުސް، އަދި ކަރީ ޕައުޑަރު)

- 3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

- 1 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)

- 2 ޖޯޑު މޮޒަރެއްލާ ޗީޒް (ގާނާފައި)

- 2 މޭޒުމަތީ ސަމުސާ ބަޓަރު

- ލޮނު (ރަހަލާވަރަށް)

- ކުޑަ އޮރެގާނޯ ކޮޅެއް (ބޭނުންނަމަ)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވައެއްގައި ފެން ކައްކައި، އޭގެ ތެރެއަށް ކުޑަ ލޮނުކޮޅަކާއި ތެޔޮފޮދެއް އެޅުމަށްފަހު ޕާސްތާކޮޅު މަޑުވަންދެން ކައްކާލާށެވެ. ޕާސްތާ މަޑުވުމުން ފެންފޮދު އުކާލާފައި ބަހައްޓާށެވެ.

އެއަށްފަހު ތަވައަކަށް ކުޑަ ތެޔޮފޮދެއް އަޅައި ހޫނުވުމުން ފިޔާ، އިނގުރު އަދި ލޮނުމެދު އަޅައިގެން މީރުކޮށްލާށެވެ. އެއަށްފަހު ކުކުޅު އަޅައި، މަސްކޮޅު ރަނގަޅަށް ރޯފިލުމުން ހަވާދުގެ ބާވަތްތަކާއި، ޓޮމާޓޯ ޕޭސްޓް އަދި ކެޕްސިކަމް އަޅައިގެން ކައްކާށެވެ. އަދި ލޮނު އަޅައި ރަހަ ހެޔޮވަރުކޮށްލާށެވެ. އެއަށްފަހު ތައްޔާރުކުރި މަސްގަނޑުގެ ތެރެއަށް ކެއްކި ޕާސްތާކޮޅު އަޅައި، ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

ބޭކިންގް ޓްރޭއެއްގައި ބަޓަރު ކޮޅެއް އުނގުޅުމަށްފަހު، އެއްކުރި ޕާސްތާގެ ދެބައިކުޅަ އެއްބައި އަޅާލާށެވެ. އޭގެ މައްޗަށް ކުޑަ ޗީޒްކޮޅެއް ބުރުވާލުމަށްފަހު، ބާކީ ހުރި ޕާސްތާކޮޅު އަޅައި ފަތުރާލާށެވެ. އެންމެ މައްޗަށް ގިނައިން ޗީޒް އަދި އޮރެގާނޯ ބުރުވާލާށެވެ. އެއަށްފަހު 180 ޑިގްރީ ސެލްސިއަސްއަށް ހޫނުކޮށްފައިވާ އަވަނެއްގައި، މަތީގައި ހުރި ޗީޒްކޮޅު ރަންކުލަ އަރަންދެން (ގާތްގަނޑަކަށް 15-20 މިނެޓު) ބޭކް ކޮށްލާށެވެ.

މިހާރު މިވަނީ ވަރަށް މީރު ބޭކްޑް ޕާސްތާއެއް ތައްޔާރުވެފައެވެ. ހޫނުކޮށް ހުއްޓާ ކެއުމުން މީރުކަން އިތުރުވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު