އާންމު ސާފުތާހިރުކަމުގެ މިންގަނޑުތަކާ ޚިލާފަށް ކާބޯތަކެތި އުފައްދާ މާކެޓްކުރަމުން ދިޔަ ތަނެއްގެ މަސައްކަތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ހުއްޓުވައިފިއެވެ.

އެމް.އެފް.ޑީ.އޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީއަށް ލިބުނު ޝަކުވާއަކާ ގުޅިގެން ބަލާ ފާސްކޮށްފައިވަނީ "ބިލެތްމާ ޓޭސްޓީ" ނަމަކަށް ކިޔާ ތަނެއް ކަމަށެވެ. އެތަނަކީ ތެލުލި ފަތް، ކޮށި މަސް، ކުޅި ކާޖާ އަދި ރިހާކުރު ފަދަ އާންމުކޮށް ބަންދުކޮށްގެން ވިއްކާ ކާބޯތަކެތީގެ ބާވަތްތައް އުފައްދާ މާކެޓް ކުރަމުންދިޔަ ތަނެއް ކަމަށް އެ އޮތޯރިޓީން ހާމަކުރިއެވެ.

އެ އޮތޯރިޓީން އެތަން ބަލާ ފާސްކުރިއިރު، އެތަނަކީ އާންމު ސާފުތާހިރުކަން އިންތިހާއަށް ދަށް އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ އެއްވެސް މިންގަނޑަކަށް ނުފެތޭ ތަނެއްކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، އާންމުންގެ ސިއްޙީ ރައްކާތެރިކަމަށްޓަކައި އެތަނުގައި ކުރަމުންދިޔަ ހުރިހާ މަސައްކަތްތަކެއް ވަގުތުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އެފަދަ މަސައްކަތްކުރާ ތަންތަން އެމް.އެފް.ޑީ.އޭ ގައި ރަޖިސްޓްރީކުރުން ލާޒިމްކޮށްފައިވީ ނަމަވެސް، "ބިލެތްމާ ޓޭސްޓީ" އަކީ ރަޖިސްޓަރީ ނުކޮށް ހިންގަމުންދިޔަ ތަނެއްކަން ވެސް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ ފަރާތުން އުފައްދާ މާކެޓް ކުރަމުންދާ އެއްވެސް ކާބޯތަކެތީގެ ބާވަތެއް ބޭނުން ނުކުރުމަށާއި އަދި އެއްވެސް ފިހާރައަކުން އެތަކެތި ނުވިއްކުމަށް ވެސް އެމް.އެފް.ޑީ.އޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު ބުނާގޮތުން، ކާބޯތަކެތި ވިއްކާ ކޮންމެ ތަނަކީ ރަޖިސްޓަރީކޮށް، ޚާއްޞަ ލައިސަންސެއް އޮންނަންޖެހޭ ތަނަކަށް ވާންޖެހެއެވެ. އަދި މިހާރު އަމަލުކުރަމުންދާ އުޞޫލުތަކުގެ ދަށުން ކާބޯތަކެތި އެތެރެކުރުމާއި، އުފެއްދުމާއި، ލޭބަލްކުރުމުގެ އިތުރުން ވިއްކުމުގެ މިންގަނޑުތައް ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ.

މި ޤާނޫނުގެ ދަށުން، ގަޑުބަޑުކޮށްފައި ހުންނަ ކާބޯތަކެއްޗާއި، އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ތަކެތި ނުވަތަ ސިއްޙަތަށް ގެއްލުންދޭ ތަކެތި ވިއްކާ ފަރާތްތައް 10،000 ރުފިޔާއާއި 750,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ލިބިދެއެވެ. އަދި މިފަދަ އިހުމާލެއްގެ ސަބަބުން މީހެއްގެ ސިއްޙަތަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައަށް ނުރައްކާވެއްޖެ ހާލަތެއްގައި، އެކަން ކުރި ފަރާތެއް 1 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު