ސައޫދީ އަރަބިއްޔާއާއި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގެ ގައުމުތަކާ ދެކޮޅަށް އީރާނުން ހިންގަމުންދާ އުދުވާނީ އަމަލުތައް ސައޫދީން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އަދި މިފަދަ އަމަލުތައް އިތުރަށް ވަރުގަދަކުރަމުންދާނަމަ، އޭގެ ނަތީޖާ އީރާނަށް ވަރަށް ހިތިވާނެ ކަމުގެ އިންޒާރުވެސް ސައޫދީން ވަނީ ދީފައެވެ.

ސައޫދީ ޚާރިޖީ ވުޒާރާއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަވަށްޓެރި ގައުމުތަކާ ދެކޮޅަށް އީރާނުން ގެންގުޅޭ ދުޝްމަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގައުމުގެ ރައްޔިތުންނާއި، ބިމާއި، ސިޔާދަތީ މިނިވަންކަން ދިފާއުކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގެ ފުރިހަމަ ހައްގު ސައޫދީ އަރަބިއްޔާއަށް ލިބިގެންވާކަން އެ ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ.

މަދަނީ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް ކުށްވެރިކުރަމުން ރިޔާޟުން ބުނީ، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް ގަސްދުގައި ހިންގާ އަމަލުތަކެއް ކަމަށެވެ.

"މަދަނީ އެއާޕޯޓުތަކަށާއި ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ، ސަލާމަތާއި ހަމަޖެހުމަށް ނުރައްކާކުރުމަށް އީރާނުން ކުރާ މަސައްކަތް ހާމަވާ ކަމެއް. މިއީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް،" ބަޔާނުގައިވެއެވެ.

އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށް ވިދާޅުވެ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ދެއްކެވި ވާހަކަފުޅުތަކަށް ވެސް ސައޫދީން ވަނީ ރައްދުދީފައެވެ. ސައޫދީން ބުނީ އެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށާއި، އެ ވާހަކަފުޅު ދެއްކެވި ވަގުތުވެސް އަދި އޭގެ ފަހުންވެސް، އެއްވެސް އަސާސެއް ނެތް ބަހަނާތަކެއް ދައްކައިގެން އީރާނުގެ ހަމަލާތައް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.

ސައޫދީގެ ބިމުން ފުރައިގެންދާ ހަނގުރާމަމަތީ ބޯޓުތަކާއި ތެޔޮ އަޅައިދޭ ބޯޓުތައް ބޭނުންކޮށްގެން އީރާނާ ދެކޮޅަށް ހަމަލާދޭ ކަމަށް އީރާނުން ކުރާ ތުހުމަތުތައް ސައޫދީން ވަނީ މުޅިން ދޮގުކޮށްފައެވެ.

"ހަގީގަތަކީ އެ ބޯޓުތަކަކީ ސައޫދީ އަރަބިއްޔާއާއި ޖީ.ސީ.ސީ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަލަހައްޓައި، އީރާނުގެ މިސައިލްތަކާއި ޑްރޯންތަކުން ދިފާއުވުމަށްޓަކައި ހަރަކާތްތެރިވާ ބޯޓުތަކެއް،" ބަޔާނުގައި ސާފުކޮށްދީފައިވެއެވެ.

ބަޔާން ނިންމާލަމުން ސައޫދީން ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. އެއީ އީރާނުން މިގޮތަށް ކުރިއަށްދާނަމަ، އޭގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވާނެ ޚާރިޖީ، އިގުތިސާދީ އަދި އިސްތިރާޖީ ހުރިހާ ގެއްލުމަކާއި ހިތި ނަތީޖާއެއްގެ ޒިންމާ އުފުލަންޖެހޭނީ އަމިއްލައަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު