ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަނުފެންނަ ވޯޓު (ރެފަރެންޑަމް) ސަރުކާރަށް ކާމިޔާބުވެއްޖެނަމަ، ރާއްޖޭގައި ދެން މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބިނާވެފައިވަނީ ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތުމުގެ މައްޗަށް ކަމަށާއި، ރައްޔިތުން ރިޔާސީ ނިޒާމަކަށް ވޯޓު ދިނީވެސް އެ ތިން ބާރު ވަކިކޮށްފައި ބޭއްވުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ހޯދަން ބޭނުންވާ ފަރާތްތަކުން އަތުގުޅާލައިގެން އެއްކޮށް ނުކުމެ އިންތިޚާބު ކާމިޔާބު ކުރުމަކީ ނިޒާމު ގަޑުބަޑުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން ކިހިނެއްތޯ އަޅުގަނޑުމެން ދައުލަތުގެ ވެރިންނަށް ނުވަތަ ސަރުކާރު ޖަވާބުދާރީ ކުރުވާނީ؟ ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށްވާނަމަ، ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރަނީ ކިހިނެއް ކޮން ގޮތަކަށްތޯ ހޯދޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން އިތުރަށް ވިދާޅުވީ، މި ރެފެރެންޑަމް ސަރުކާރަށް ކާމިޔާބުވެއްޖެނަމަ، ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި 'ފްރީ އެންޑް ފެއަރ' އިންތިޚާބެއް ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ. މިހާރުވެސް އިލެކްޝަންސް ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައި އޮތް ތަނެއްގެ ގޮތުގައި ޢަލީ ސިފަކުރެއްވިއެވެ. އަދި ރައްޔިތުންނާ ގުޅުންހުރި މުހިންމު ގިނަ މައްސަލަތަކެއް، މިސާލަކަށް މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ފަދަ ކަންކަން ސުޕްރީމް ކޯޓުގައި 'ޕާކުކޮށްފައި' ހުރިކަންވެސް ޢަލީ ފާހަގަކުރެއްވިއެވެ.

ޢަލީ ހުސެއިން ވިދާޅުވީ، މި އިންތިޚާބު އެއްކޮށްލުމުން ރައީސުލްޖުމްހޫރިއްޔާ ނުކުންނަވާނީ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއި، ދައުލަތުގެ ހުރިހާ ވަސީލަތްތަކާއި، ފައިސާއާއި، ވަޒީފާތަކާއި ޕްރޮޖެކްޓްތަކުގެ ބާރުވެރިކަމާ އެކުގައި ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި ކަންކަން ނިންމުމުގައި އިންސާފުވެރިކަމެއް ނޯންނާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަންކަން މިދާ މިސްރާބުން މުޅި ގާނޫނު އަސާސީ ގަޑުބަޑުވާވަރުގެ ކަމެއް ކުރަން އުޅޭއިރު، ދެން އެހެން ކަމެއް ނުކުރާނެ ކަމަކަށް އަޅުގަނޑުމެން އެއްވެސް ގޮތަކަށް ބަލައިގެން ނުވާނެ،" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވަނީ މި ރެފެރެންޑަމްގައި "ނޫނެކޭ" ބުނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ސަރުކާރުން މިހާރު ވަނީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިއުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު