ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ގުޅޭގޮތުން ކުރީގެ ސަރުކާރުން މޮރިޝަސްއަށް ފޮނުއްވި ސިޓީއަކީ، އޭގެ ސަބަބުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ފަދަ ބޮޑު ކުށެއް ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރަށްވަމުންނެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، ކުރީގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ހަމައެއާއެކު ފަލާހު ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ރާއްޖޭގެ ސަރަހައްދަކީ ރާއްޖޭގެ ބިމާއި، ވައިގެ ސަރަހައްދާއި އަދި އަރިމަތީ ރަށްތަކުގެ ބޭސްލައިނުން ފެށިގެން އެތެރޭގެ ކަނޑުގެ ސަރަހައްދު ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ރުހުން ލިބިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ފަރާތްތަކުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ރުހުމެއް ނެތި، ދިވެހި ކަނޑުގެ ބޮޑު ސަރަހައްދެއް ދޫކޮށްލާފައި. ސިޓީއެއް މެދުވެރިކޮށް ގައުމުގެ ކަނޑުގެ ސަރަހައްދު ދޫކޮށްލުމަކީ ދައުލަތަށް ވެވުނު ހިޔާނާތެއް. އެފަދަ ކުށަކަށް އަންނަންޖެހޭނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް." ފަލާހު ވިދާޅުވިއެވެ.

މި މައްސަލައަކީ 22 އޮގަސްޓް 2022 ގައި ކުރީގެ ރައީސް ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖަގްނައުތަށް ފޮނުއްވި ސިޓީއަކާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ. ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ހިނގަމުންދަނިކޮށް ފޮނުވާފައިވާ އެ ސިޓީގައި، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖެއިން ގަބޫލުކޮށްފައި ވާކަމަށް ޕީއެންސީން ތުހުމަތު ކުރެއެވެ.

މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން ތުހުމަތުކުރާ ގޮތުގައި، 28 އެޕްރީލް 2023 ގައި އިޓްލޮސްއިން ކުރި ހުކުމަށް މި ސިޓީގެ ނުފޫޒު ވަނީ ފޯރާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މި މައްސަލަ އަލުން މުރާޖައާކޮށް، ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަނީ އިއުލާނު ކުރައްވާފައެވެ. އަދި މި މައްސަލަ ތަހުގީގުކޮށް، ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ހާއްސަ ކޮމިޓީއެއްވެސް ރައީސް ވަނީ އުފައްދަވާފައެވެ.

ސަރުކާރުން އާންމު ކޮށްފައިވާ ސިޓީގައި ބުނެފައިވަނީ، ޗާގޯސްއަކީ އިނގިރޭސިވިލާތުގެ އިސްތިއުމާރުގެ ދަށުން މިނިވަންކުރަންޖެހޭ ތަނެއް ކަމަށް ބުނެ އދ. ގެ އާންމު މަޖިލީހުގައި މޮރިޝަސްއާ އެއްކޮޅަށް ރާއްޖެއިން ވޯޓުދޭނެ ކަމަށެވެ. ނަމަވެސް އެ ސިޓީގައި ސަރަހައްދެއް ދޫކޮށްލާނެ ކަމަށް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު