ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހާ މެދު ރައްޔިތުންގެ މެދުގައި އެއްވެސް ވަރަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ، ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ފެންނަނުފެންނަ ވޯޓަށް ދާއިރު، އެކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވަން އެއްވެސް ފުރުސަތެއް ދީފައި ނުވާ ކަމަށެވެ. އަދި ކައުންސިލް އިންތިޚާބުގެ ކެމްޕޭން ތެރޭގައި ވެސް ސަރުކާރަށް ނިސްބަތްވާ އެއްވެސް ބޭފުޅަކަށް، ދެ އިންތިޚާބު އެއްކުރުން މުހިންމުވާ ސަބަބު ސާފުކޮށްދެވިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މާރިޔާ ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި ނެގި ނިޒާމީ ވޯޓާ ގުޅޭ ރިފަރެންޑަމްގައި ވެސް ސަރުކާރާއި ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ ގާތަށް ގޮސް، ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ ތަފާތުތަކާއި ގޮތް ނިންމާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ހިއްސާކުރި ކަމަށެވެ.

"ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދިގު 30 އަހަރުގެ ވެރިކަމުގައި ވެސް، އިސްލާހީ އެޖެންޑާގެ ދަށުން ގާނޫނުއަސާސީ ބަދަލުކުރަން މަސައްކަތް ކުރެއްވިއިރު، ރައްޔިތުންނަށް އެކަމާ ބެހޭގޮތުން ބަހުސްކުރުމުގެ ފުރުސަތު ދެއްވި." މާރިޔާ ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ގާނޫނުއަސާސީއަށް ބަދަލު ގެންނައިރު އިލްމުވެރިންނާއި، ވަކީލުންނާއި، ސިޔާސީ ފަރާތްތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރާކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ، ގާނޫނުއަސާސީއަކީ ރައްޔިތުންގެ ވިންދު ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން "ޚަރަދު ކުޑަކުރުން" ފިޔަވައި އިތުރު އެއްވެސް ހުއްޖަތެއް މިކަމުގައި ދައްކާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމުގެ މުހިންމުކަމާ ގުޅޭގޮތުން މާރިޔާ ވިދާޅުވީ، ރިޔާސީ އިންތިޚާބަށްފަހު ފަސް މަހެއްހާ ދުވަސްވާއިރު ރައީސެއްގެ "އަސްލު ކުލަ" ފެންނަން ފަށާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ރައްޔިތުންނަށް ފެންނަ ނުބައި ސިފަތަކާ ގުޅިގެން، މަޖިލިސް މެޖޯރިޓީ އިދިކޮޅަށް ދިނުމުގެ އިޚްތިޔާރު ރައްޔިތުންނަށް އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ އެމެރިކާގެ "މިޑްޓާމް އިލެކްޝަން" އެވެ.

އޭގެ އިތުރުން މާރިޔާ ވިދާޅުވީ، ސަރުކާރަށް މަޖިލިސް މެޖޯރިޓީ ދިނުމުގެ ސަގާފަތެއް އުފެދުނީ 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ވެއްޓުމާ ގުޅިގެން ރައްޔިތުންގެ ހިތުގައި އުފެދުނު ބިރުވެރިކަމެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ރައްޔިތުން އަޅުވެތިކުރަން މަސައްކަތްކުރާ މަންޒަރު ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މާރިޔާ ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް ބާއްވާ ރިފަރެންޑަމްގައި، ގާނޫނުއަސާސީއަށް ގެންނަ މި އިސްލާހު ތަސްދީގުކުރުމާ ދެކޮޅަށް "ނޫނެކޭ" ބުނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު