ޕްރޮސެސްކޮށްފައި ހުންނަ ކާނާ ނުވަތަ "އަލްޓްރާ ޕްރޮސެސްޑް ފުޑްސް" ގިނައިން ކެއުމުގެ ސަބަބުން ކުޑަކުދިންގެ މިޒާޖަށާއި އުޅުމަށް ބަދަލުތަކެއް އަންނަކަން ކެނެޑާގެ ޔުނިވަރސިޓީ އޮފް ޓޮރޮންޓޯއިން ހެދި އާ ދިރާސާއަކުން ހާމަވެއްޖެއެވެ.

ޖޭ.އޭ.އެމް.އޭ ނެޓްވޯކް އޯޕަންގައި ޝާއިޢުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، ގިނައިން ޕްރޮސެސްކުރި ކާނާ ކާ ކުދިންގެ ކިބައިން ފަސް އަހަރު ފުރޭއިރު ހާސްވުމާއި، ބިރުގަތުމާއި، އަދި ހަރުކަށި އުޅުން ފަދަ ނަފްސާނީ އަދި އުޅުމުގެ މައްސަލަތައް ފެނުމުގެ ފުރުސަތު ބޮޑެވެ.

މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ކޮޒެޓާ މިލިކޫ ވިދާޅުވި ގޮތުގައި، ތުއްތު ކުދިންގެ އުމުރަކީ ކުދިންގެ ހެދިބޮޑުވުމަށާއި ކެއުމުގެ އާދަތައް އަށަގަތުމަށް ވަރަށް މުހިންމު ދުވަސްވަރެކެވެ. ދިރާސާއިން ފާހަގަވި ގޮތުގައި، ކުދިން ކާ ކާނާގެ ތެރެއިން ޕްރޮސެސްކުރި ކާނާގެ މިންވަރު ކޮންމެ 10 އިންސައްތައަކަށް އިތުރުވާއިރު، އެކުދިންގެ އުޅުމަށް އަންނަ ނޭދެވޭ ބަދަލުތައް އިތުރުވަމުންދެއެވެ.

އަލްޓްރާ ޕްރޮސެސްޑް ކާނާއަކީ ގޭގައި ކައްކާއިރު އާންމުކޮށް ބޭނުންނުކުރާ އެކި ބާވަތުގެ ފްލޭވަރތަކާއި، ކުލަޔާއި، އަދި ހަކުރުގެ ބާވަތްތައް އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ކާނާއެވެ. މީގެ ތެރޭގައި ފޮނި ބުއިންތަކާއި، ތައްޔާރީ ކާނާ ފަދަ ތަކެތި ހިމެނެއެވެ. ކެނެޑާގައި ތުއްތު ކުދިން ކާ ކާނާގެ ގާތްގަނޑަކަށް 46 އިންސައްތައަކީ މިފަދަ ކާނާއެވެ. މިއީ ހަށިގަނޑަށް ބޭނުންވާ މާއްދާތަކަށްވުރެ ބޮޑަށް ލޮނާއި، ހަކުރު އަދި ސަރުބީ ގިނަ ކާނާއެކެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 2،000 އަށްވުރެ ގިނަ ކުދިން ބޭނުންކޮށްގެންނެވެ. ދިރާސާގައި ބައިވެރިވި ކުދިންނަށް ތިން އަހަރުގައި ކެއުމަށް ދެވުނު ތަކެއްޗާއި، ފަސް އަހަރުގައި އެކުދިންގެ އުޅުމަށް އައި ބަދަލުތައް ވަނީ ވަރަށް ގާތުން ބަލާފައެވެ. ނަތީޖާއިން ދެއްކި ގޮތުގައި، ޕްރޮސެސްކުރި ކާނާގެ ބަދަލުގައި މޭވާއާއި ތަރުކާރީ ފަދަ ތާޒާ ކާނާ ބޭނުންކުރުމުން ކުދިންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް އާދެއެވެ.

މިލިކޫ އިތުރަށް ވިދާޅުވީ، ޕްރޮސެސްކުރި ކާނާއަކީ އަގުހެޔޮ އަދި ފަސޭހައިން ލިބެން ހުންނަ އެއްޗަކަށް ވީނަމަވެސް، ކުދިންގެ ސިއްހަތަށްޓަކައި ކުދިކުދި ބަދަލުތައް ގެނައުން މުހިންމު ކަމަށެވެ. މިސާލަކަށް، ފޮނި ބުއިންތަކުގެ ބަދަލުގައި ފެން ދިނުމާއި، ޕެކެޓްކުރި ކާނާގެ ބަދަލުގައި ތާޒާ މޭވާއެއް ދިނުމަކީވެސް ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.



ކިޔުންތެރިންގެ ހިޔާލު