މިހާރު މެދުއިރުމަތީގައި އުފެދިފައިވާ ހާލަތާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ސަރުކާރުން ސަމާލުކަން ނުދޭކަމަށް ވިދާޅުވެ، ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާޢީލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، އިީރާނަށް ދެމުންދާ ހަމަލާތަކުގެ ނުސީދާ އަސަރު އެންމެ ފުރަތަމަ ކުރާނޭ އެއް ގައުމަކީ ދިވެހިރާއްޖެއެވެ. ނަމަވެސް، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ސަރުކާރުގެ ޒިންމާދާރުކަމެއް ނެތް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޚާއްސަކޮށް، ރާއްޖެއަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއްތޯއާއި، ކާޑާއި ތެލުގެ ސްޓޮކް ހުރި މިންވަރާއި، ތަކެތި އެތެރެކުރުމަށް ދިމާވާނެ ގޮންޖެހުންތަކާ ގުޅޭގޮތުން ސަރުކާރުގެ ބަހެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތް ގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެހެން ގައުމަކުން ރާއްޖެއާ ގުޅުން ކަނޑާލިކަން ވެސް ދިވެހިންނަށް އެނގުނީ ބައިނަލްއަގުވާމީ މީޑިއާތަކުން ކަމަށާއި، މިހާތަނަށް ވެސް އެކަމާ ގުޅޭ ރަސްމީ ބަހެއް ސަރުކާރުން ބުނެފައި ނުވާ ކަމަށެވެ. މިއީ ސަރުކާރުގެ ހޭލުންތެރިކަމާއި ޒިންމާދާރުކަން ނެތް މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު