ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލާގައި ހުކުމްކުރުން މިއަދަށް ތާވަލް ކޮށްފިއެވެ.

ސުޕްރީމް ކޯޓުން ބުނީ ރައީސް ޔާމީންގެ އެ މައްސަލައިގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު 1:00 އަށް ކަމަށެވެ. ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ މިއަދު ތާވަލް ކޮށްފައި ވަނީ ރައީސް ޔާމީންގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލާގެ ހުކުމް ކުރުން ކަމަށެވެ.

އެ މައްސަލައަށް ހުކުމް ކުރުމަށް މިއަދަށް ތާވަލް ކޮށްފައިވާއިރު، އެންމެ ފަހުން އެ މައްސަލައިގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތާއި ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ތުހުމަތު ކުރެވެނީ އެއް މިލިއަން ޑޮލަރުގެ މައްސަލައަކަށް ކަމަށް ވާއިރު، މުޅި މިލްކިއްޔާތު އެއްކޮޮށް ފްރީޒް ކުރުމުގެ އަމުރަކަށް އެދެވިދާނެތޯ ސުވާލު ކުރަށްވާފައެވެ. އެސުވާލުގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ މަނީ ލޯންޑްރިންގެ ގާނޫނުގައި ލޯންޑަކުރާ މުދަލާއި ފައިސާ އާއި އެއިން ހޯދާ މަންފާ ވެސް ދައުލަތަށް ނެގޭނެ ކަމަށް ބަޔާން ކުރާތީ އެގޮތަށް އެދެވިދާނެ ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓުތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން މިދިޔަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހު ވަނީ ބާތިލްކޮށްފައެވެ. ދަށުކޯޓުން ނެރުނު އެ އަމުރުގައި ބުނެފައި ވަނީ އެ ފައިސާ ނުހިފަހައްޓައިފި ނަމަ އެއިން އެމަނިކުފާނު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ގެއްލުންވެދާނެ ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުުން ވަނީ އެ އަމުރު ބާތިލުކޮށްފައެވެ. ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކުރީ އެ އަމުރަކީޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ އަދި 73ވަނަ މާއްދާއާ ޚިލާފަށް ނެރުނު އަމުރެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެހެންކަމުން، ދައުލަތުން ވަނީ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން