ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ލާމަރުކަޒީ ހިދުމަތްތައް ފުޅާކޮށް، އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށްޓަކައި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ދަށުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުސަތު އިތުރަށް ފަހިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ދާއިރާއިން ހާސިލުކުރެވުނު މުހިންމު ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރުކުރުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހައްގު މަގާމު ހޯދައިދިނުމުގެ އިތުރުން، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ފަދަ ކަންކަން މިހާރު ހަގީގަތަކަށް ވެފައިވާ ކަމަށެވެ. މީގެ އިތުރުން، ރަށްރަށުގައި ކައުންސިލްތަކަށް ބޭނުންވާ ޒަމާނީ އާ އިމާރާތްތައް ބިނާކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ އިސްނަގައިގެން ފަށާފައެވެ.

ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، ރަށްރަށުގެ އިޖުތިމާއީ އަދި އަސާސީ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތާއި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމާއި، އަތޮޅުތަކުން އައިޑީ ކާޑާއި ޕާސްޕޯޓު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ލިބުނު ބޮޑު ކުރިއެރުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އެކު، ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވެ، ސަރުކާރާ ގުޅިގެން ރަށްވެހި ތަރައްގީ އާއި ތަމައްދުން ގެނައުމުގައި، ދިވެހި ލޮބުވެތި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ވަމުން ދިޔުން،" ރައީސް ވިދާޅުވިއެވެ.

އުމްރާނީ ތަރައްގީގެ ދާއިރާއިން، މަގުހެދުމާއި ބަނދަރު ހެދުން ފަދަ ގިނަ މަޝްރޫއުތަކެއް އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުންދާކަން ފާހަގަކުރައްވަމުން، ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.

މީގެ އިތުރުން، ގައުމީ ތަރައްގީގެ މައި ތަސައްވުރު އެކުލަވައިލުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި، ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ބާރުގަދަ ދުވެލީގައި ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު