އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޒްރޭލަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިޒްރޭލުގެ ޕާލަމެންޓް (ކްނެސެޓް) ގައި ތަގުރީރު ކުރެއްވި އިރު ގާޒާގައި ހިނގަމުންދާ ލޭއޮހޮރުވުމާއި ނަސްލު ނައްތާލުމުގެ އަމަލުތަކާ މެދު ވެސް ވާހަކަދެއްކެވުމަށް އިންޑިއާގެ އިދިކޮޅު ލީޑަރު ޕްރިޔަންކާ ގާންދީ މޯދީއަށް ގޮވާލައްވައިފިއެވެ.

ޕްރިޔަންކާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާޒާގައި މަރަމުންދާ އެތައް ހާސް ކުށެއް ނެތް ފިރިހެނުންނާއި، އަންހެނުން އަދި ކުޑަކުދިންގެ ހައްގުގައި މޯދީ އަޑުއުފުއްލަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގުވާމީ މައިދާނުގައި ގޮވާލުމަކީ މިއަދު ކުރަންޖެހިފައިވާ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޕްރިޔަންކާ އިތުރަށް ވިދާޅުވި ގޮތުގައި އިންޑިއާއަކީ މިނިވަން ގައުމެއްގެ ގޮތުގައި އޮތް ތާރީޚުގައި އަބަދުވެސް ހައްގު ބަސް ބުނުމާއި އިންސާފުގެ ފަރާތުގައި އޮތް ގައުމެކެވެ.

އެހެންކަމުން، ދުނިޔެއަށް ހަގީގަތާއި، ސުލްހަ އަދި އިންސާފުގެ އަލިކަން ދައްކައިދިނުމުގައި އިންޑިއާ ދެމިއޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯދީގެ މި ދަތުރުފުޅަކީ ފާއިތުވި ނުވަ އަހަރުގެ ތެރޭގައި އިޒްރޭލަށް ކުރައްވާ ދެވަނަ ދަތުރުފުޅަށް ވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ގާޒާގެ މައްސަލާގައި އިންޑިއާ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އިސްރާއީލުގެ ގާނޫން ހަދާ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، 2023 އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކުގައި ވަކިވެދިޔަ ކޮންމެ ފުރާނައަކަށާއި، އެ ހާދިސާގައި ދިރިއުޅުން ބަރުބާދުވެގެންދިޔަ ކޮންމެ އާއިލާއަކަށް، އިންޑިއާގެ ރައްޔިތުންގެ ފަރާތުން ނުހަނު ފުން ހިތާމައާއި ތައުޒިޔާ ރައްދުކުރައްވާ ކަމަށެވެ.

އިޒްރޭލުގެ ރައްޔިތުންނަށް ލިބެމުންދާ ތަދާއި ހިތާމައިގައި އިންޑިއާ ބައިވެރިވާކަން ފާހަގަކުރައްވަމުން މޯދީ ވިދާޅުވީ، މި ދަނޑިވަޅުގައާއި ކުރިއަށް އޮތް ތަނުގައި ވެސް އިންޑިއާ އޮންނާނީ ސާބިތުކަމާއެކު އިޒްރޭލާ އެކީގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު