އިންޑިއާ އޮތީ އިސްރާއީލާއެކު ކޮޑާއި ކޮނޑު ޖައްސައިގެން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ގާނޫން ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، 2023 އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކުގައި ވަކިވެދިޔަ ކޮންމެ ފުރާނައަކަށާއި، އެ ހާދިސާގައި ދިރިއުޅުން ބަރުބާދުވެގެންދިޔަ ކޮންމެ އާއިލާއަކަށް، އިންޑިއާގެ ރައްޔިތުންގެ ފަރާތުން ނުހަނު ފުން ހިތާމައާއި ތައުޒިޔާ ރައްދުކުރައްވާ ކަމަށެވެ.

އިޒްރޭލުގެ ރައްޔިތުންނަށް ލިބެމުންދާ ތަދާއި ހިތާމައިގައި އިންޑިއާ ބައިވެރިވާކަން ފާހަގަކުރައްވަމުން މޯދީ ވިދާޅުވީ، މި ދަނޑިވަޅުގައާއި ކުރިއަށް އޮތް ތަނުގައި ވެސް އިންޑިއާ އޮންނާނީ ސާބިތުކަމާއެކު އިޒްރޭލާ އެކީގައި ކަމަށެވެ.

މީގެ އިތުރުން، އިންޑިއާއިން އިޒްރޭލަށް ފުރިހަމަ އިތުބާރާއެކު ތާއީދުކުރާކަން ހާމަކުރައްވަމުން، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެގައުމާއެކު ދެގޮތެއްނުވެ އިންޑިއާ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު މޯދީ ވަނީ ދެއްވާފައެވެ.

މި ދަނޑިވަޅުގައި އިންޑިއާގެ ރައްޔިތުން ތިބީ އިޒްރޭލުގެ ރައްޔިތުންނާ އެކުގައިކަން ފާހަގަކުރައްވައި، މޯދީ ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އަލުން ކަށަވަރުކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު