މާލެއަށް ވާރޭވެހި ފެންބޮޑުވާ ކޮންމެ ފަހަރަކު ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ނިމުމެއް ގެނެސްދީފައިވާނެ ކަމަށާއި، ދެން ވާރޭވެހިގެން ފަރުނީޗަރުތައް ހަލާކުވެގެން އުޅޭކަށް ނުޖެހޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މީގެ ކުރިން މާލެއަށް ވާރޭވެހޭ ކޮންމެ ދުވަހަކު ފެންނަނީ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން ފަަައިކުރި އަރުވާލައިގެން މަގުތަކަށް ނުކުމެ، ރައްޔިތުންގެ ހާލަތު ބައްލަވައި ހަމްދަރުދީ ފާޅުކުރައްވާ މަންޒަރު ކަމަށެވެ. ނަމަވެސް އެއީ ހަގީގީ ހައްލެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މޭޔަރު ވިދާޅުވީ އޭނާ މަގާމާ ހަވާލުވީއިރު އަޒުމަކަށްވީ، މަގުތަކަށް ނުކުމެ "ހާދަ ދެރައޭ" ކިޔައި ހަމައެކަނި ޝުއޫރު ފާޅުކުރުމުގެ ބަދަލުގައި، އެ މައްސަލައަށް އަމަލީ ގޮތުން ހައްލެއް ހޯދައިދިނުން ކަމަށެވެ.

އެގޮތުން މާލޭގެ ކާނުތައް ސާފުކޮށް، ފެން ހިންދާ ނިޒާމު ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިއަދު ބޯކޮށް ވާރޭވެހުނު ނަމަވެސް ކުރިން ފެންބޮޑުވި ފަދައިން ފެންބޮޑުނުވާނެ ކަމުގެ ޔަގީންކަން އާޒިމް ދެއްވިއެވެ.

މީގެ އިތުރުން އާޒިމް ފާހަގަކުރެއްވި ގޮތުގައި، މާލޭގެ ގިނަ ގޭގެއަށް ފެންވަދެ ފަރުނީޗަރުތަކާއި ހިފާގެންގުޅޭ ތަކެތި ހަލާކުވުމަކީ އާންމު ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު މާލީ ގެއްލުމެކެވެ.

އެހެންކަމުން، މިހާރު ގެނެވުނު ބަދަލުތަކާއެކު ރައްޔިތުންނަށް އެ ބިރުވެރިކަމެއް ނެތި ހަމަޖެހިގެން ތިބެވޭނެ ކަމަށާއި، ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނަށް ދިމާވާ މިފަދަ އަސާސީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު