ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ދައްކަންޖެހޭ 4.04 މިލިއަން ރުފިޔާގެ ދަރަނި ދެއްކުމަށް އެޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ކާނަލް ނަޝީދު) ގެ މައްޗަށް، ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ޢާމިރު ހިންގެވި ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރްޕީގެ އެކި ހަރަކާތްތައް ވީޑިއޯ ކުރުމާއި، އެޑިޓް ކުރުމާއި އަދި ސާމާނު ފޯރުކޮށްދީގެން ދީފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތް މައްސަލައެކެވެ.

މި ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 16.3 މިލިއަން ރުފިޔާ އަރާފައި އޮތް ނަމަވެސް، ހައި ކޯޓުން ވަނީ ޖޫރިމަނާ އެއްކޮށް އުނިކޮށް، ހަމައެކަނި ޚިދުމަތުގެ އަސްލު އަގު ނަގައިދިނުމަށް ނިންމާފައެވެ. މި ނިންމުމަށް ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.

އެހެންކަމުން އަޙްމަދު ޢާމިރުގެ ފަރާތުން މި ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ތަންފީޒީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، ސިޔާސީ ޕާޓީއެއްގެ ޝަރުޠުތައް ފުރިހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ ޑީއާރްޕީ އުވާލާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުތައް ބުނާގޮތުން ޕާޓީއެއް އުވާލާއިރު ހުންނަ ދަރަންޏަށް ޒިންމާވާންޖެހޭނީ އެ ޕާޓީއެއް އުވާލިއިރު އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި މީހެކެވެ.

މި މައްސަލާގައި ޖަވާބުދާރީވުމަށް ކާނަލް ނަޝީދަށް ފުރުޞަތު ދިން ނަމަވެސް، އޭނާގެ ފަރާތުން ކޯޓުގައި ޖަވާބުދާރީވެފައެއް ނުވެއެވެ. އެހެންކަމުން، ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ ނަޝީދުގެ ޣައިރު ހާޒިރުގައެވެ. ކޯޓުގެ ހުކުމުގައިވަނީ 4.04 މިލިއަން ރުފިޔާ 14 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކައި ޚަލާޞްކުރުމަށެވެ.

ޕާއްޖޭގައި ސިޔާސީ ޕާޓީތައް އެންމެ ފުރަތަމަ އުފެއްދި ދުވަސްވަރު، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ޑީއާރްޕީ 2011 ވަނަ އަހަރު ބައިބައިވެގެން ދިޔައިރު، އެ ޕާޓީގެ އެތައް މިލިއަން ރުފިޔާގެ ދަރަނި އޮތެވެ. މީގެ ކުރިން އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާގެ ދަރަންޏަށް ޕާޓީގެ ފުރަތަމަ ޒައީމް އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ޒިންމާކުރުވަން ވެސް މަސައްކަތް ކުރެވުނެވެ. ނަމަވެސް، ފަހުން އެ ކުންފުނިން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު