މި ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު، 2024 އެޕްރިލް 11 ގައި ރައްޔިތުންގެ ކުރިމަތީގައި ވެވަޑައިގަތީ ވަރަށް ފޮނި އުންމީދީ ވައުދެކެވެ.

މަޖިލީހުގެ "ސާފު މެޖޯރިޓީ" ސަރުކާރަށް ލިބިއްޖެ ނަމަ، ރާއްޖޭގެ ބާޒާރުގައި އިންތިހާއަށް އުފުލިފައިވާ ޑޮލަރުގެ އަގު ތިރިކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބި، ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ޑޮލަރުގެ އަގު ތިރިވުމުގެ ބަދަލުގައި، ދުވަހުން ދުވަހަށް އަގު ދަނީ އުފުލެމުންނެވެ.

ބޭންކު ރޭޓުގައި ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން އާންމު ރައްޔިތުންނާއި ކުދި ވިޔަފާރިވެރިންނަށް ވަނީ ކަޅު ބާޒާރުގެ އަޅުންނަށްވާން މަޖުބޫރުވެފައެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު 20 ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއީ ރައްޔިތުންގެ ޖީބަށް ނުބައްދަލު ބޮޑު ތަކުލީފެކެވެ.

ސަރުކާރުން ބާރުތައް ހޯދުމަށްޓަކައި އިގުތިސާދީ ދަންތުރައެއްގައި ރައްޔިތުން ބައިތިއްބައިގެން "ދޮގު ވައުދު" ވަމުންދާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އޮވެމެ، އިގުތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ ނަތީޖާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ސަރުކާރު ވަނީ ނުކުޅެދިފައެވެ.

މިއީ ހަމައެކަނި ނުކުޅެދުންތެރިކަމެއް ނޫން ކަމަށާއި، މިއީ ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންނަށް އޮޅުވާލާފައިވާ އޮޅުވާލުމެއް ކަމަށް އިދިކޮޅު ފަރާތްތަކުންނާއި އިގުތިސާދީ މާހިރުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު