ޞާދިރު ޢަލީދީދީ   23 ފެބްރުއަރީ 2026 - 12:37
ބެލްޖިއަމްގެ ކްރިސްޓިއަނަކަށް އިސްލާމްދީނަށް ދަޢުވަތު ދިނުމުގެ ތެރެއިން، ކައުނުގެ ވެރި ރަސްކަލާނގެއާއި، ދިރިއުޅުމުގެ މަޤްޞަދާއި، ނަބީކަމާ ބެހޭ ކަންކަން އޭނާ ވަނީ ޤަބޫލުކޮށްފައެވެ. ނަމަވެސް އޭނާ ބޭނުންވަނީ "ދިރިއުޅެންވީ ކީއްވެގެންތޯ" އެނގުމަށްވުރެ ބޮޑަށް، "ދިރިއުޅޭނީ ކިހިނެއްތޯ" ދެނެގަތުމަށެވެ. މިއީ ވަރަށް މުހިންމު ނުކުތާއެކެވެ. އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއް ތަފްޞީލުކޮށް ބަޔާންކޮށްދޭ ފުރިހަމަ ދީނެކެވެ. އެހެންކަމުން، އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރާނެ ގޮތުގެ އިރުޝާދާއި މިސާލުތަކެއް ބޭނުންވެއެވެ.

ކުރު ޖަވާބެއް:

• މުސްލިމުންވެސް ދިރިއުޅުމުގެ ޢާންމު ކަންކަމުގައި މަޝްޣޫލުވެ އުޅެނީ އެހެން މީހުންނެކޭ އެއްފަދައިންނެވެ. ނަމަވެސް ތަފާތަކީ އެކަންކަން ކުރުމުގައި މުސްލިމުން ގެންގުޅޭ ނިޔަތާއި ވިސްނުމެވެ.

• ދީނަށް ލޯބިކުރާ މުސްލިމުން ދެކޭގޮތުގައި، ﷲ ތަޢާލާގެ އަމުރުފުޅުތަކާ އެއްގޮތަށް ކުރާ ކޮންމެ ކަމަކީ އަޅުކަމެކެވެ. އެކަމެއް ކުރަނީ ﷲގެ ރުހުން ހޯދުމުގެ ނިޔަތުގައި ނަމަ، އެކަމަށް ސަވާބާއި ދަރުމަ ލިބޭނެއެވެ.

ތަފްޞީލީ ޖަވާބު:

ލޯބިވާ ސާރީ، ތިޔަ ކުރެއްވި ސުވާލަށްޓަކައި ޝުކުރު ދަންނަވަމެވެ. ދަޢުވަތު ދިނުމުގައި ތިޔަ ކުރައްވާ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށިއެވެ. ހަނދުމަފުޅު ބަހައްޓަވަންވީ ކަމަކީ، ތިޔަބޭފުޅާގެ އެކުވެރިޔާ އިސްލާމްވުމާއި ނުވުން އޮތީ ﷲގެ އަތްޕުޅުގައި ކަމެވެ. ތިޔަބޭފުޅާއަށް ދަރުމަ ލިބޭނީ އެކަމަށްޓަކައި ކުރައްވާ އިޚްލާޞްތެރި މަސައްކަތަށެވެ.

މުސްލިމެއްގެ ގޮތުގައި ދިރިއުޅޭނީ ކިހިނެއް؟

ބައެއް ގޮތްގޮތުން ބަލާއިރު، މުސްލިމުންގެ ދިރިއުޅުން އެހެން މީހުންނާ މާ ބޮޑު ތަފާތެއް ނުހުރެއެވެ. އެމީހުންވެސް ވަޒީފާއަށް ދެއެވެ، ވިޔަފާރި ކުރެއެވެ، ކުޅިވަރު ކުޅެއެވެ، ކައިވެނިކޮށް އަދި ޢާއިލާއާއި ރަޙުމަތްތެރިންނާއެކު ވަގުތު ހޭދަކުރެއެވެ. ތަފާތަކީ މި ހުރިހާ ކަމެއް ކުރުމުގައި ގެންގުޅޭ އުޞޫލުތަކެވެ.

ﷲގެ ޝަރީޢަތާ އެއްގޮތަށް ކުރާ ކޮންމެ ކަމަކީ އަޅުކަމެއްގެ ގޮތުގައި މުސްލިމުން ބަލައެވެ. އެއީ ﷲގެ ރުހުން ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއް ނަމަ، އޭގެ މައްޗަށް ދަރުމަ ލިބެއެވެ. މުސްލިމެއްގެ އީމާންތެރިކަން އެންމެ ބޮޑަށް ހާމަވެގެންދަނީ ކޮންމެ ދުވަހަކު ފަރުޟު ކުރައްވާފައިވާ ފަސް ނަމާދު އަދާކުރުމުންނެވެ. މުސްލިމުން އެމީހުންގެ ދުވަހުގެ ތާވަލު ރާވަންވާނީ ނަމާދު ވަގުތުތަކަށް އިސްކަންދީގެންނެވެ.

އައު މުސްލިމަކަށް ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލުތަކެއް އަތުވެދާނެއެވެ. މިސާލަކަށް ފަތިސްނަމާދަށް ހޭލުމާއި، ވަޒީފާގެ މާޙައުލުގައި ނަމާދު ކުރާނެ ތަނެއް ހޯދުމާއި، ހުކުރު ނަމާދަށް ވަގުތު ހުސްކުރުން ފަދަ ކަންކަމެވެ. އެންމެ މުހިންމު ކަމަކީ އެއްވެސް މެދުވެރިއަކާ ނުލައި ﷲ އާއި އަޅާއާ ދެމެދު އޮންނަ ސީދާ ގުޅުން ވަރުގަދަކުރުމެވެ.

އަޚްލާޤީ ސިފަތައް ރަނގަޅުކުރުން:

މުސްލިމުންނަކީ އޯގާތެރި، ދީލަތި، ތެދުވެރި، އަމާނާތްތެރި އަދި ހީވާގި ބަޔަކަށް ވާންޖެހެއެވެ. ތިޔަބޭފުޅާގެ އެކުވެރިޔާގެ ކިބައިގައި މިފަދަ ބައެއް ސިފަތައް މިހާރުވެސް ހުރެދާނެއެވެ. އިސްލާމްވުމަށްފަހު އެ ސިފަތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރަންވާނެއެވެ.

އިސްލާމީ ދިރިއުޅުމުގައި ﷲގެ މަތިވެރިކަން ޤަބޫލުކޮށް، އެކަލާނގެ އެންގެވި މަގުން ހިނގުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިޒަމާނުގެ މުޖުތަމަޢުތަކުގައި ބައެއް ނޭދެވޭ ކަންކަމަކީ ޢާންމު ކަންކަން ކަމުގައި ބެލެވުނު ކަމުގައިވިޔަސް، މުސްލިމުން އަބަދުވެސް ތަބާވާންޖެހޭނީ ﷲ ކަނޑައަޅުއްވާފައިވާ ޙައްދުތަކަށެވެ.

ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން:

• އިޖުތިމާޢީ ދިރިއުޅުން: މުސްލިމަކަށް ވުމުން ހުސްވަގުތު ހޭދަކުރާ ގޮތަށް ބަދަލުތަކެއް އަތުވެދާނެއެވެ. މަސްތުވާތަކެތި ބޭނުންކުރާ ތަންތަނަށް ނުދިއުމާއި، އެފަދަ މަޖިލިސްތަކުން ދުރުހެލިވާން ޖެހޭނެއެވެ. މިކަމުގެ ސަބަބުން ކުރީގެ ބައެއް ރަޙުމަތްތެރިންނާ ދުރުވާން ޖެހިދާނެއެވެ. އެހެންކަމުން މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގެ އެހީގައި އައު މުސްލިމުންނާ ގުޅުން ބަދަހިކުރުން މުހިންމެވެ.

• ކާބޯތަކެތި : އޫރުމަހާއި، އިސްލާމީ ޝަރީޢަތާ ޚިލާފަށް ކަތިލެވިފައިވާ ތަކެތި ކެއުމުން ދުރުހެލިވާން ޖެހޭނެއެވެ. މިހާރު ޔޫރަޕްގެ ގިނަ ޤައުމުތަކުން "ޙަލާލު" ކާބޯތަކެތި ފަސޭހައިން ލިބެން ހުރެއެވެ.

• ވަޒީފާއާއި އާމްދަނީ: ކުރާ ވަޒީފާއަކީ އިސްލާމީ އުޞޫލުތަކާ ފުށުއަރާ ވަޒީފާއެއް ނަމަ، އެކަން ބަދަލުކުރަން ޖެހިދާނެއެވެ. މިސާލަކަށް ރިބާގެ މުޢާމަލާތްތައް ނުވަތަ ބަނގުރަލާ ގުޅުންހުރި މަސައްކަތްތަކެވެ.

އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް ޝާމިލުވާ ދީނެކެވެ. އަދި އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންވާނީ ﷲގެ ޝަރީޢަތާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރުމަށެވެ. ރަސޫލުﷲ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ދިރިއުޅުމަކީ އަޅުގަނޑުމެންނަށް އޮތް އެންމެ ފުރިހަމަ ނަމޫނާއެވެ. ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމުގައި ދީނީ ޢިލްމުވެރިންގެ ލަފާ ހޯދުމަކީ ބޭނުންތެރި ކަމެކެވެ.

އުންމީދު ކުރަނީ މި މަޢުލޫމާތުގެ ސަބަބުން ތިޔަބޭފުޅާގެ އެކުވެރިޔާއަށް އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

މަސްދަރު: އެބައުޓްއިސްލާމް.ނެޓް



ކިޔުންތެރިންގެ ހިޔާލު