ބޯފެނާއި ލުއި ބުއިންތައް ބަންދުކުރުމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށްގެން ވިޔަފާރި ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ކާބޯތަކެތީގެ ވިޔަފާރިކުރާ ބައެއް ފަރާތްތަކުން ހުސްކޮށްފައި ހުންނަ ފުޅިތަކަށް ކާބޯތަކެތި އަޅައިގެން ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ އާންމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އެ އޮތޯރިޓީން ވަނީ ސިފަކޮށްފައެވެ.

އެ އިދާރާއިން ފާހަގަކުރި ގޮތުގައި، ބޯފެނާއި ލުއި ބުއިންތައް ބަންދުކުރުމަށް އާންމުކޮށް ބޭނުންކުރަނީ ޕޮލިއެތިލީން ޓެރަތަޔަލޭޓް (ޕީއީޓީ) ފުޅިތަކެކެވެ. މިއީ ހަމައެކަނި އެއްފަހަރު ބޭނުންކުރުމަށް އުފައްދާފައިވާ ތަކެއްޗަށް ވާއިރު، މިފަދަ ފުޅިތައް ތަކުރާރުކޮށް ބޭނުންކުރުމުން އޭގައި ހުންނަ ކެމިކަލް މާއްދާތައް ކާބޯތަކެއްޗާ މަސްހުނިވެ، އިންސާނާގެ ހަށިގަނޑަށް ނުރައްކާތެރި އަސަރުތަކެއް ކުރެއެވެ.

މީގެ އިތުރުން، އެމްއެފްޑީއޭއިން ބުނީ މިގޮތަށް ބޭނުންކުރާ ފުޅިތަކުގެ ސަބަބުން ދިގުމުއްދަތުގައި ސިއްހީ ބޮޑެތި ބަލިތަކަށް މަގުފަހިވާ ކަމަށެވެ.

އެހެންކަމުން، އެފަދަ ފުޅިތަކާއި ކޮތަޅުގައި ކާބޯތަކެތި ބަންދު ނުކުރުމަށާއި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހުރިހާ ވިޔަފާރިވެރިންނާއި އާންމު ފަރާތްތަކުން ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު