ބައިނަލްއަގުވާމީ މަޝްހޫރު އީ-ކޮމާސް ޕްލެޓްފޯމްތައް ކަމަށްވާ އެމެޒަން އަދި އަލީއެކްސްޕްރެސް ފަދަ ސައިޓުތަކުން ވިޔަފާރި ނުކުރެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑުތައް ބްލޮކްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި މިފަދަ ވާހަކަތަކެއް ފެތުރެން ފެށީ ބައެއް ކަސްޓަމަރުންނަށް އެ ސައިޓުތަކުގައި މުއާމަލާތް ކުރުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ. ނަމަވެސް މިކަމާ ގުޅިގެން ބީއެމްއެލް އިން ހާމަކުރި ގޮތުގައި، ބައިނަލްއަގުވާމީ ވެބްސައިޓުތަކުގައި ކުރާ މުއާމަލާތްތައް ފެއިލްވަނީ ބޭންކުން އެއްވެސް ސައިޓެއް ބްލޮކްކޮށްގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، ގިނަ ފަހަރަށް މިކަން ދިމާވަނީ ކަސްޓަމަރުގެ ކާޑަށް ކަނޑައެޅިފައިވާ ޑޮލަރު ލިމިޓަށްވުރެ އިތުރަށް މުއާމަލާތް ކުރަން އުޅުމުން ކަމަށް ބޭންކުން ބުނެއެވެ.

ބޭންކުން ފާހަގަކުރި ގޮތުގައި، އަމިއްލަ ފަރުދުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކާޑުގެ މުއާމަލާތްތައް ހުއްޓުވާފައި ނުވާކަން ސާބިތުކޮށްދިނުމަށް ބޭންކުން ވަނީ ތަފާސްހިސާބުތައް ވެސް އާންމުކޮށްފައެވެ. އެގޮތުން، މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ފެބުރުއަރީ 21 ގެ ނިޔަލަށް އެމެޒަން އަދި އަލީއެކްސްޕްރެސްގައި އެކަނިވެސް 2.33 މިލިއަން ޑޮލަރުގެ 58,000 މުއާމަލާތް ކޮށްފައިވާކަން ބޭންކުން ފާހަގަކުރެއެވެ.

މީގެ އިތުރުން، ކޮންމެ އަހަރަކުވެސް ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކުގެ އަދަދު އަންނަނީ ބޮޑުތަނުން އިތުރުވަމުން ކަމަށް ބޭންކުން ހާމަކުރެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު 311 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، 2025 ވަނަ އަހަރު މި އަދަދު ވަނީ 524 މިލިއަން ޑޮލަރަށް އަރާފައެވެ.

ބޭންކުން އިލްތިމާސްކުރަނީ ވިޔަފާރި ބޭނުންތަކަށް މުދާ އެތެރެކުރުމުގައި އަމިއްލަ ފަރުދުންގެ ކާޑު ބޭނުންކުރުމުގެ ބަދަލުގައި، ބޭންކުގެ ބިޒްނަސް ބޭންކިން ސޮލިއުޝަންތައް ބޭނުންކުރުމަށެވެ. މި ހިދުމަތްތަކަކީ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށާއި، ވިޔަފާރި މުދާ އެތެރެކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ހިދުމަތްތަކެކެވެ. އަމިއްލަ އެކައުންޓްތަކުން ވިޔަފާރީގެ އުސޫލުން މުއާމަލާތް ކުރުމަކީ ލިމިޓް ހަމަވެގެން ދަތިތަކާ ކުރިމަތިވެދާނެ ކަމެއް ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ، ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށާއި، ދަތުރުފަތުރާއި، ބޭސްފަރުވާ ފަދަ މުހިންމު ކަންކަމަށް ބޭނުންވާ ބޭރު ފައިސާގެ މުއާމަލާތްތައް އެއްވެސް ހުރަހެއް ނެތި ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެހެންކަމުން، ސޯޝަލް މީޑިއާގައި ފެތުރޭ ދޮގު މައުލޫމާތަށް ސަމާލުވުމަށާއި، ބޭންކުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މުއާމަލާތްތައް ބެހެއްޓުމަށް ބޭންކުން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު