ދިވެހިރާއްޖޭގައި ބޭއްވޭ މައިގަނޑު އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންނަށް ފިލުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރިފަރަންޑަމެއް ނެގުމަށް ސަރުކާރުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހް ފާހަގަކުރެއްވި ގޮތުގައި، އިންތިޚާބުތައް އެއްކޮށްލުމުގެ އަސްލު ބޭނުމަކީ ޚަރަދު ކުޑަކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ސަރުކާރުން ރައްޔިތުންގެ ކުރިމައްޗަށް ދާންޖެހޭ މިންވަރު މަދުކޮށް، ރައްޔިތުންގެ ޖަވާބުދާރީވުމުން ރެކުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މަލީހް އިތުރަށް ވިދާޅުވި ގޮތުގައި، ވަކިވަކިން އިންތިޚާބުތައް ބޭއްވުމަކީ ސަރުކާރާއި ސިޔާސީ ވެރިން ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ އިހުސާސްތައް ދެނެގަތުމަށް ލިބޭ ފުރުސަތެކެވެ. ނަމަވެސް، ހުރިހާ އިންތިޚާބެއް އެއްކޮށްލުމުން ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ދެ ވޯޓު އެއް ކުރުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ފިލުން، ރައްޔިތުން ކައިރިޔަށް ނުދިއުން. ރައްޔިތުންގެ ބާރު ކުޑަކުރުން. ބާރު ޖަމާކުރުން. ނުފޫޒު ފޯރުވުން. ވެރިކަމުގެ ބާރުގެ ނާޖާއިޒު ފައިދާ ނެގުން،" މަލީހް ވިދާޅުވިއެވެ. މީގެ އިތުރުން މިކަމަށް "ނޯ" ޖަހަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ އިންތިޚާބުތަކަށް ކުރާ ބޮޑު ހޭދަ ކުޑަކުރުމުގެ ނަމުގައި، ޤާނޫނުއަސާސީއަށް ބަދަލު ގެނެސްގެން އިންތިޚާބުތައް އެއް ތާރީޚެއްގައި ބޭއްވުމަށެވެ. މިކަމާ ގުޅިގެން ސިޔާސީ މަސްރަޙުގައި ތަފާތު ޚިޔާލުތައް އުފެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މިއީ ޑިމޮކްރެޓިކް ނިޒާމަށް އުނިކަން އަންނާނެ ކަމެއް ކަމަށް ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު