މީމު އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ރާބަންދިހުރާއަށް އެކަނިވެރިވެ، ގޮތްހުސްވެފައި އޮތް ކުޑަ ބުޅަލެއް ސަލާމަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ފަށައިފިއެވެ.

މާލެއިން ފުރައިގެން ރާއްޖޭގެ ދެކުނަށް ދަތުރުކުރަމުންދިޔަ ސަފާރީއަކުން މި ރަށަށް މަޑުކުރުމުގެ ތެރޭގައި ފެނުނު މި ބުޅަލަކީ ބަޔަކު ގަސްތުގައި އެ ރަށަށް ދޫކޮށްލާފައިވާ އެއްޗެއް ކަމަށް ބެލެވެއެވެ.

މިކަން ހާމަކޮށް ފޭސްބުކްގައި ޕޯސްޓްކުރި މެސީލާ މެކްޑެވިޓް ބުނިގޮތުގައި، އެ ސަފާރީގެ މީހުން ރަށަށް ފޭބުމާއެކު މި ކުޑަ ބުޅާބޯޅަ ވަނީ އެމީހުންގެ ގާތަށް އައިސް ވަރަށް ބޮޑަށް އޯގާތެރިކަން ދައްކާފައެވެ. "އެ ބުޅާބޯޅަ ހުރީ ވަރަށް ސިއްހަތު ރަނގަޅުކޮށް، ވަރަށް އެކުވެރިކޮށް. އަހަރެމެންގެ ގާތުން ނުނެއްޓި އުޅުނު،" އޭނާ ލިޔެފައިވެއެވެ. އެމީހުން ވަނީ ބުޅަލަށް ބޭނުންވާ ކާނާއާއި ފެން ފޯރުކޮށްދީފައެވެ. ނަމަވެސް، ސަފާރީގެ އުސޫލުތައް ހުރިގޮތުން އެމީހުންނަށް ބުޅާ ސަފާރީއަށް އަރުވައިގެން ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

މިހާރު އެ ބުޅާ އޮތީ އެއްވެސް އިންސާނަކު ނޫޅޭ، ކާނާއާއި ފެން ލިބުން ދަތި އެ ކުޑަ ފަޅުރަށުގައި އެކަނިވެފައެވެ. މެސީލާ ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށާއި، ކައިރި ރަށްރަށުގެ މީހުންނަށް މި ބުޅާ ސަލާމަތްކޮށްދިނުމަށް އާދޭހާއެކު އެދިފައެވެ. އަދި މި ބުޅާ ސަލާމަތްކޮށް މީހުން ދިރިއުޅޭ ރަށަކަށް ގެންގޮސްދޭ ފަރާތަކަށް ޚާއްސަ ފައިސާގެ އިނާމެއް ދޭނެކަންވެސް އޭނާ ވަނީ އިއުލާނުކޮށްފައެވެ. މީމު އަތޮޅު ރާބަންދިހުރާ ކައިރިން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަކީ މި ކުޑަ ފުރާނަ ސަލާމަތްކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެކެވެ.



ކިޔުންތެރިންގެ ހިޔާލު