ފަލަކީ ހިސާބަށް ބަލާއިރު ރޯދަމަސް ފެށޭނީ ބުދަ ދުވަހު ކަމަށް ފަލަކީ އިލްމްވެރިޔާ އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ، ފަލަކީހިސާބުން ދައްކާގޮތުގައި މިއަހަރުގެ ރަމަޟާންމަހުގެ އެކެއް ވާނީ މިހިނގާ ފެބްރުއަރީ މަހުގެ 18ވާ ބުދަ ދުވަސް ކަމަށެވެ.



ކުރިއަށް އޮތް ރަމަޟާން މަހަށް ހަނދުބެލުން އޮންނާނީ މިއަދު ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މީގެކުރިން ބުނެފައިވެއެވެ.

އެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި ރޯދަ މަހުގެ ހަނދު ސާބިތު ކުރުމަށް، ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭން ހަމަޖެހިފައިވަނީ މާލޭގައިނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް، ރަށްރަށުގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ޤާއިމުވެ ނެތް ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެގޮތުން ރަމަޟާން މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 1447 ޝަޢުބާން 29 (2026 ފެބުރުވަރީ 17) ވާ އަންގާރަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެކަމަށް އެއިއުލާނުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް