އަޝްވާގް ފައުޒީ   16 ފެބްރުއަރީ 2026 - 3:42
ކީރިތި ރަސޫލާ ﷺ އަކީ މުޅި އުންމަތުގެ މާތް ނަބިއްޔާއެވެ. އެކަލޭގެފާނަށް އުޑާއި ބިމުގެ ހުރިހާ ޚަޒާނާތަކެއްގެ ތަޅުދަނޑިތައް ދެއްވުނު ނަމަވެސް، ދުނިޔެވީ ހަޔާތްޕުޅު ވޭތުކުރެއްވީ އިންތިހާ ދަރަޖައިގެ ސާދާކަންމަތީގައެވެ.

މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި ކުރެހުންތަކުން ފެންނަ އެކަލޭގެފާނުގެ މާތް ހުޖުރަކޮޅުގެ ތަސްވީރުން އެކަނިވެސް، އެކަލޭގެފާނުގެ ޒުހުދުވެރިކަން ހާމަވެގެންދެއެވެ.

އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ރިވާކުރައްވާފައިވާ ގޮތުގައި، ރަސޫލާ ﷺ ގެ ގޭގައި އުނދުނުން އަލިފާން ނުލައި ދެތިން މަސް ދުވަސް ވޭތުވެގެންދާއިރު، އެކަލޭގެފާނުގެ ކެއިންބުއިމަކީ ހަމައެކަނި ކުދުބުރިއާއި ފެނެވެ. މަދީނާގެ ހަޔާތްޕުޅުގައި ދުވަހަކުވެސް ބަނޑުފުރެންދެން ޕާން ފަދަ ތަކެތި ފަރިއްނުކުޅުއްވާއިރު، ބައެއްފަހަރު ބަނޑުހައިހޫނުކަން ފިލުއްވުމަށްޓަކައި ބަނޑުފުޅުގައި ހިލަ އައްސަވައިގެންވެސް އުޅުއްވިއެވެ.

އެކަލޭގެފާނު ނިދިކުރެއްވުމަށް ބޭނުންކުރެއްވި ކުނަލުގެ ނިޝާންތައް ހަށިކޮޅުގައި ހުންނަ މަންޒަރު ފެނިވަޑައިގެން، އަޞްޙާބު ބޭކަލުންނަށް ކެތްނުކުރެވިގެން ކަރުނަ އަޅުއްވައެވެ. ނަމަވެސް އެކަލޭގެފާނަކީ ﷲ އަށް އެންމެ ބޮޑަށް ޝުކުރުވެރިވެވަޑައިގަންނަވާ ބޭކަލެވެ. ކޮންމެ ރެއަކުވެސް އަވަހާރަފުޅަށް ވަޑައިގަންނަވަނީ އެކަލޭގެފާނުގެ އަތްޕުޅުގައި ހުރި ހުރިހާ އެއްޗެއް ބޭނުންޖެހިފައިވާ މީހުންނަށް ބައްސަވައި ހުސްކުރެއްވުމަށްފަހުގައެވެ. ދުނިޔެވީ އެއްވެސް މުދަލަކަށް އެކަލޭގެފާނުގެ ހިތްޕުޅުގައި ލޯތްބެއް ނެތެވެ.

މިއަދުގެ ހާލަތަށް ބަލާއިރު، އަޅުގަނޑުމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ނުހަނު ގިނަ ނިޢުމަތްތައް ދެއްވާފައެވެ. ގޭގޭގެ އައިސްއަލަމާރިތަކާއި ކަބަޑުތައް ކާތަކެތިން ފުރިފައިވާއިރުވެސް، އަޅުގަނޑުމެންގެ ހިތްތަކުގައި އޮންނަނީ ނުފުދޭކަމުގެ އިހުސާސެވެ.

އަރާމު ކޮޓަރިތަކުގައި ނިދާއިރުވެސް ހިތްތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ދުވާލަކު ތިން އިރު މީރު ކާތަކެތި ކެއުމުގެ ފުރުސަތު ލިބިފައިވާއިރުވެސް، އަޅުގަނޑުމެންނަށް އިހުސާސްވަނީ މަދުވެގެން އުޅޭ ފަދައިންނެވެ. މިއީ އަޅުގަނޑުމެންގެ ހިތްތަކުގައި ޝުކުރުވެރިކަން ކުޑަވުމުގެ ނަތީޖާއެވެ. ދުޢާއަކީ ކީރިތި ރަސޫލާ ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުމެވެ. އަދި އަޅުގަނޑުމެންނަކީ ލިބޭ މިންވަރަށް ޝުކުރުވެރިވާ ބައެއް ކަމުގައި ލެއްވުމެވެ.



ކިޔުންތެރިންގެ ހިޔާލު