ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން، ބައެއް ދާއިރާތަކަށް އެކަށީގެންވާ އަދަދަށްވުރެ ގިނަ މީހުން ކުރިމަތިނުލުމުގެ ސަބަބުން، އިންތިޚާބަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ކައުންސިލްތަކުގެ 28 ގޮނޑި ކާމިޔާބުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ކައުންސިލް ގޮނޑިތަކުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 41 ގޮނޑިއެއް ވެސް ވަނީ އިންތިޚާބަކާ ނުލައި ޕީއެންސީއަށް ލިބިފައެވެ.

އެހެންކަމުން، ޖުމްލަ 69 ގޮނޑި މިހާރުވެސް އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ.

މި އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް އިންތިޚާބަކާ ނުލައި ކާމިޔާބު ކުރެވުނީ އެންމެ ގޮނޑިއެކެވެ. އެއީ އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސްގެ ގޮނޑިއެވެ. މީގެ އިތުރުން އަދާލަތު ޕާޓީއަށް ވެސް އެއް ގޮނޑި ލިބިފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރި ތިން ކެންޑިޑޭޓަކަށް ވެސް ވަނީ އިންތިޚާބަކާ ނުލައި ގޮނޑިތައް ކާމިޔާބުވެފައެވެ.

ޕީއެންސީއަށް އިންތިޚާބަކާ ނުލައި ލިބުނު ގޮނޑިތަކުގެ ތެރޭގައި ހއ. އުތީމު، ހއ. ބާރަށް، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. މަންދޫ، އަދި އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމުތައް ހިމެނެއެވެ. މީގެ އިތުރުން އެކި ރަށްރަށުގެ ކައުންސިލް މެންބަރުކަމާއި، އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިތައް ވެސް އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ.

އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތުލުން މިދިޔަ ހަފުތާގައި ވަނީ ބާއްވާފައެވެ.

ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންނަށްފަހު، މިހާރު މި އިންތިޚާބުގައި ވާދަކުރަނީ ޖުމްލަ 2,962 ކެންޑިޑޭޓުންނެވެ. އަންހެނުންގެ ކޮމިޓީތަކަށް ބަލާއިރު ވެސް، ޕީއެންސީން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.



ކިޔުންތެރިންގެ ހިޔާލު