ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެމްޕޭނަށް ރާއްޖޭގެ އެކި ރަށްތަކަށް ކުރަމުންދާ ދަތުރުތަކުން ފެންނަނީ ރައްޔިތުން އެމްޑީޕީގެ "ތިލަފަތް" ރަމްޒުކޮށްދޭ ކެންޑިޑޭޓުންނަށް ވޯޓު އަޅާނެ މަންޒަރު ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީން މިހާރު ކުރިއަށްގެންދާ ކެމްޕޭން ދަތުރުތަކާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ކެމްޕޭން ދަތުރުތަކުގެ ތެރެއިން އިއްޔެ ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ޒިޔާރަތަށްފަހު ފައްޔާޒު ވަނީ، ރ. ވާދޫ، މާކުރަތު، ދުވާފަރު، ފައިނު، މީދޫ އަދި މަޑުއްވަރީގެ އެމްޑީޕީ މެންބަރުން ކިޔާފައިވާ ހޫނު މަރުހަބާ އާއި ބެހެއްޓެވި ގާތްކަމަށްޓަކައި ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގެ އިހުތިސާސް ވަކިކޮށް، އެފަދަ ސަރަހައްދުތަކުން ސީދާ ކައުންސިލަށް ނަފާ ހޯދޭނެ މަގުފަހިވުމަކީ ކައުންސިލްތަކަށް މާލީ މިނިވަންކަން ލިބިގެންދިޔަ މުހިންމު ކަމެކެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރަނީ ރަށްރަށުގެ ތަރައްގީއާ ގުޅޭ އެފަދަ ހަރުދަނާ ތަސައްވުރަކާއެކު ކަމަށެވެ. އަދި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ފެންނަމުންދަނީ ތިލަފަތަށް ރައްޔިތުން ވޯޓު އަޅާ މަންޒަރު ކަމަށް އޭނާ ޔަގީންކަމާއެކު ވިދާޅުވިއެވެ. ރ. އަތޮޅުގެ ދަތުރުތައް ނިންމަވާލެއްވުމަށްފަހު، އެމްޑީޕީގެ ކެމްޕޭން ޓީމުން މިއަދު ވަނީ ބ. އަތޮޅަށް ދަތުރު ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު