ޖޯންސަން އެންޑް ޖޯންސަން އާއި އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް ވެކްސިން ޖެހި ބައެއް މީހުންގެ ހަށިގަނޑުގައި މަދުން ނޫނީ ނުފެންނަ އަދި ނުރައްކާތެރި ބާވަތެއްގެ ލޭގަނޑުވުމެއް ނުވަތަ "ވީ.އައި.ޓީ.ޓީ" އުފެދެން ދިމާވާން މެދުވެރިވި ސަބަބު އޮސްޓްރޭލިއާގެ ސައިންސްވެރިން މިހާރު ވަނީ ހޯދާފައެވެ.

މި ދިރާސާ ދައްކާގޮތުން، މި މައްސަލަ ދިމާވަނީ ވެކްސިން ތައްޔާރުކުރުމަށް ބޭނުންކުރާ "އެޑިނޯވައިރަސް" އަށް ބައެއް މީހުންގެ ހަށިގަނޑުން ދޭ ރައްދު އަމަލެއްގެ ސަބަބުންނެވެ. އަދި މިކަން މިގޮތަށް ދިމާވަނީ ޖެނެޓިކް ގޮތުން އެކަމަށް ފުރުސަތު ބޮޑު މީހުންގެ ހަށިގަނޑުގައެވެ.

ސައިންސްވެރިން ތަފްސީލްކޮށްދޭ ގޮތުގައި، ވެކްސިން ޖެހުމުން ބައެއް މީހުންގެ ދިފާއީ ނިޒާމަށް "އެޑިނޯވައިރަސް" ގައި ހުންނަ ޕްރޮޓީނަކާއި ލޭގައި ހުންނަ "ޕީއެފް4" ކިޔާ ޕްރޮޓީނެއް އޮޅުން އަރަނީއެވެ. މި އޮޅުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުން އަމިއްލަ ހަށިގަނޑަށް ހަމަލާދޭ އެންޓިބޮޑީއެއް އުފައްދައި، އޭގެ ނަތީޖާއެއްގެ ގޮތުން ލޭގަނޑުވާން މެދުވެރިވަނީއެވެ. މިއީ މާސް ސްޕެކްޓްރޯމެޓްރީ ކިޔާ ޒަމާނީ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ހޯދި ހޯދުމެކެވެ.

މި ހޯދުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މިފަދަ ވެކްސިންތައް އުފައްދާއިރު، ލޭގަނޑުވާން މެދުވެރިވާ ޕްރޮޓީން ބަދަލުކޮށްލައިގެން ނުވަތަ އުނިކޮށްލައިގެން، މި ނުރައްކަލުން ސަލާމަތްވެވޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ޖޯންސަން އެންޑް ޖޯންސަން ވެކްސިންގެ ސަބަބުން މި މައްސަލަ ދިމާވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އަދި ބައެއް ހާލަތްތަކުގައި މިއީ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް ކަމަކަށް ވީ ނަމަވެސް، އައު ހޯދުމާއެކު ކުރިމަގުގައި މިފަދަ ވެކްސިންތައް މިހާރަށްވުރެ ރައްކާތެރިކުރެވޭނެ މަގު ވަނީ ފަހިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު