ރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ ދެ ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވިސް އާއި ދިރާގުގެ އިންޓަނެޓްގެ ޚިދުމަތްތަކުގެ ފެންވަރު ދަށްކަމުގެ ޝަކުވާއަކީ އާންމުންގެ ވަރަށް ގިނަބަޔެއްގެ ޝަކުވާއެކެވެ. ޒަމާނަށް އައި ބަދަލުތަކާއެކު އިންޓަނެޓްގެ ބޭނުން އިހުނަށްވުރެ ބޮޑުވެފައިވާއިރު، މިއަދު އިންޓަނެޓްވެފައިވަނީ އެއާ ނުލާ ނޫޅެވޭނެ ފަދަ އަސާސީ ޚިދުމަތަކަށެވެ. މިޒަމާނުގައި އެކަކު އަނެކާއި އޮންނަ ގުޅުންތައް ބަދަހިކުރުމާއި، ވިޔަފާރިތައް ހިންގުމާއި ފައިސާގެ މުއާމަލާތައް ހުންގުމާއި ބޭންކިންގއާއި އޮފީހުގެ މަސައްކަތް ކުރުމާއި ތައުލީމް ހާސިލް ކުރުމާއި މުނިފޫހި ފިލުވާލުމާއި އެކަނިވެރިކަން ފިލުވުމާއި ލޯތްބާއި ކައިވެނީގެ ގުޅުންތަކުގައިވެސް މިއަދު އެންމެ މުހިންމު އެއް ވަސީލަތަކަށް ވެފައިވަނީ ހަމަ އިންޓަނެޓްގެ ޚިދުމަތެވެ. މިޚިދުމަތުގެ މުހިންމުކަން މިއަދު އެތައް ގުނައަކަށް ބޮޑުވެފައިވާއިރު ނުރައްކާތެރި ކޮރޯނާ ވައިރަސްގެ އާލަމީ ވަބާގައި ބޯޑަރުތައް ބަންދު ކުރުމާއި ގައުމުތައް ބަންދު ކުރުމާއި ގެދޮރުން ނުނިކުމެވޭ ހާލަތުގައި ވެސް އެންމެ މުހިންމު ވަސީލަތެއްކަމުގައި ވެގެން ދިޔައީ މުއާސަލާތީ ޚިދުމަތްތަކުގެ ތެރެއިން ވެސް އިންޓަރނެޓްގެ ޚިދުމަތެވެ.

މިވަބާގައި އާއިލީ ގުޅުންތަކާއި ދޭދެ ފަރުދުންގެ ގުޅުންތައް ވެސް ދަމަހައްޓަން ޖެހިފައިވަނީ ވެސް ހަމައެއްކަލަ އިންޓަނެޓްގެ ޒަރިއްޔާ އިންނެވެ. ވީޑިއޯ ކޮންފަރެންސް ކޮށް ނުވަތަ އޯޑިއޯ ކޮންފަރެންސްއާއި ޒޫމްއާއި ޓީމާއި ޓެލެގުރާމާއި ވަޓްސް އަޕާއި ވައިބާއާއޮި ފޭސްބުކް ފަދަ ޝޯސަލް މީޑިޔާގެ ކޮންމެވެސް ވަސީލަތެއް މެދުވެރިކޮށެވެ. ކޮވިޑްގެ ނުރައްކާތެރި ބަލިމަޑުކަމުގެ ހާލަތާއެކު ގިނަ ބަޔަކު ގޭގައި ތިބެން މަޖުބޫރުވެ އިންޓަނެޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އިންޓަނެޓް ޕެކޭޖްތަކުގެ އަގުތައް ވަރަށް ހެޔޮކަމަށް ދައްކަން ފާޑުފާޑުގެ ނަންނަތައް ކިޔައިގެން އިސްތިހާރުކޮށް ހެދިޔަސް ދިވެހި ސަރުކާރު އެކުންފުޏެއްގައި ބޮޑު ބައެއް ހިއްސާވާ އަދި ރައްޔިތުން ވެސް ހިއްސާވާ ގައުމީ މުވާސަލާތީ ކުންފުނީގެ އަގުތައް އަދި ހަމަ އުޅެނީ ގިނަ މީހުންނަށް އަތް ނުފޯރާފަށުގައެވެ. މިއަދުގެ މި ދަތި ހާލަތުގައި ވެސް މެދުނުކެނޑި އެންމެ ބޮޑު އާމްދަނީއެއް ވަންނަ ސަރުކާރުގެ އެއްކުންފުންޏަކީ ދިރާގު ކަމަށް ވާއިރު އެކަން އޮޅުވާ ލުމަށް ނޫނީ އެކަން ހަނދާން ނައްތާލައި މިދަތި އުނދަގޫ ދަނޑިވަޅުގައި ވެސް ރައްޔިތުން "ފެލަމުންދާ ކުންފުންޏެއްގެ" ގޮތުގައި ގިނަ ދިވެހި ރައްޔިތުން އެކުންފުނި ސިފަ ކުރަނީ ކޮންމެވެސް ސަބަބެއް އޮވެގެންނެވެ.

ނޫސްތަކުގައި ދިރާގުގެ ވާހަކަ ރިޕޯޓް ކުރަނީ މި ސަރަހައްދުގައިވެސް އެންމެ އިންޓަރނެޓް އަގުހެޔޮ އެންމެ ޚިދުމަތް ރަނގަޅު އެންމެ ސްޕީޑް ބާރު ޚިދުމަތްދޭ ކުންފުނީގެ ގޮތުގައެވެ. އެކަމަކު ދިވެހީންނަކީ ޖެހިގެން މިހިރަ އަވަށްޓެރި ގައުމުތަކަށް ތާއަބަދު ދަތުރުކޮށް އެގައުމުތަކުގެ އިންޓަރނެޓްގެ ޚިދުމަތް ބޭނުން ކުރާ ބަޔަކަށް ވާތީ އެއީ ހަގީގަތް ނޫންކަން އެންމެންނަންމެ އެނގެއެވެ. އަދި ރާއްޖޭގެ މީޑިއާ ތަކުގައި ވެސް އެކަން އެގޮތަށް ރިޕޯޓް ކުރަނީ އެކަން ނޭނގޭތީއަކީ ނޫނެވެ. އަވަށްޓެރި ގައުމަކަށް ގޮސް އެމީހުން އެދޭ އެންމެ ޓޫ ޖީބީ ގަނެ ލައިގެން މުޅި މަސްދުވަހު ޚިދުމަތް ބޭނުންކުރާއިރުވެސް ޕެކޭޖް ހުސްވެގެން ސްޕީޑް ދަށްވެ ގުޑާ ނުލައިގެން ރުޅިގަދަވެ އިސްތަށިތައް ކޮޅަށް ޖަހައިގެން އިންނާކަން ނުޖެހެއެވެ. އެކަމަކު ދިރާގުން އެބުނާ އަގުހެޔޮ ސްޕީޑް ހަލުއި ޕެކޭޖް ނަގައިގެން މުޅި ދުވަހު ގިނަ އުޅެން ޖެހެނީ އިންޓަނެޓް ސްޕީޑް ދަށްވެ އެއްޗެއް ލޯޑްނުވެގެންނެވެ. އަބުދުވެސް ލޯޑިންގ ގައެވެ. ދެން 10 ޖީބީ ނެގިއަސް ހަމަ ޖައްސާލިތާ ޚަތަމެވެ. ދެން އިންނަނީ އަބަދުވެސް ލޯޑިންގައެވެ. ބަލާއިރު އެބުނާ އަންލިމިޓެޑް ޕެކޭޖް ހުސްވެ ޚިދުމަތް ދަށްވީއެވެ. ދެން ޒުވާނުންގަނޑު ރުޅިގަދަވެގެން ހުރުހާ ބާރެއް ސޯޝަލް މީޑިއާއަށެވެ. އެކުދިން ކިތަންމެ ވަރަކަށް ބެވިޔަސް އަޑު އިވޭމީހަކު ހަމަ ހަރާމުން ހަރާމެވެ. ދިރާގުގެ ވާހަކަ ނުދައްކާށެވެ. އެވެރިން ހަމަ ކަހާތަން ހިރުވާވެސް ނުލާނެއެވެ.

އެންމެ ބޮޑު މައްސަލައަކީ ރައްޔިތުން ފެލާ ހުސްކޮށްލައިގެން ވެސް ފެންވަރު ރަނގަޅު އެދެވޭ ޚިދުމަތެއް ފޯރުކޮށް ނުދޭތީއެވެ. އާންމުންގެ ގިނަ ބަޔެއްގެ ކަންބޮޑުވުމާއި ޝަކުވާ އަކީވެސް އެއީއެވެ. އިންޓަނެޓްގެ އަގަށް ހެއު ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެ ސަރުކާރާއި މުވާސަލާތީ ކުންފުނިތަކުން ވީ ވައުދުތައް ދިޔައީ ހަމަ ތޮޅިއަށެވެ. ރައްޔިތުންގެ ލޮލުގައި އަދުންއަޅުވައި ދެއްކީ ހުސް އަވާމެންދުރެވެ. ކީހާ ޅެންވީ ފަރިއްސަށެވެ. ދިވެހީންގެ އެބުނާ މުއާސަލާތީ ކުންފުނި، ދިރާގުގެ ވާހަކަ ހެޔޮވާނީ ވޮށް އަލިވާ ހިސާބުގައި، މި އޮތް ބޮޑު އުޑު ބަޅުކުރެއްވި ހިސާބުގައި ނުދެއްކިއްޔާއެވެ. މި ކުންފުންޏަކީ އެހާވެސް ދިވެހިންނަށް ނަމުން ހެއު ކަމުން ހރމކރ ކުންފުންޏެކެވެ.

ދިރާގު ކުޅަދާނައީ ހަމައެކަނި ރައްޔިތުން "ފެލާލުމަށް" އެކަންޏެއް ނޫނެވެ. ސިމް ކްލޯންކޮށްގެން ސަރުކާރާއި އެކު ބައިއަތު ހިފައި "ޖީވަންގެ" ރޯލް ކުޅެން ވެސް މޮޅު ކުންފުންޏެއްކަން މާޒީގައި ދިވެހީންނަށް ވަނީ އެނގިގެން ގޮއްސައެވެ. ސިޔާސީ މީހުންގެ ސިމްތައް ކްލޯން ކޮށްގެން އިދިކޮޅުގެ ހުރިހާ މައުލޫމާތެއް ހޯދައި ކަސްޓަމަރުންގެ ހައްގަށް އަރައިގަތް ހިސާބުން ދިވެހީންގެ މެދުގައި އެކުންފުންޏަށް އޮތް ކުޑަ ކުޑަ އިހުތިރާމް ކޮޅުވެސް ވަނީ ގެއްލިގެން ގޮސްފައެވެ. ކުރީގެ ސަރުކާރުން ހިންގި އެންމެ ވިޔާނުދާ އެންމެ ދަށު ދަރަޖައިގެ އެއް އަމަލަކީ މިދެންނެވި ގޮތަށް ސިޔާސީ ބޭނުމަށް މީހުންގެ ސިމް ކްލޯން ކޮށްގެން މީހުންގެ ޒާތީ މުއާމަލާތުން ސިޔާސީ ބޭނުން ތަކަށް ވައްކަން ކޮށްދިނުމެވެ. އޭގެ ސަބަބުން އެތައް ބައެއްގެ ހައްގު ގެއްލި ބަޔަކު ކުޑަގޮޅިއަށް ދާންޖެހި އެތައް ބަޔަކަށް ފޫނުބެއްދޭ ވަރަުގެ އަދި އަނބުރާ އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ވެގެން ދިޔައިރު އެ މައްސަލަ ނުބަލާ ދޫކޮށްލުމަކީ ކުރިމަގުގައި ވެސް އެފަދަ ކަންކަން ހިންގުމަށް ދެވޭ ލައިސަންސެއްކަމުގައި ނޫނީ ނުވާނެއެވެ. މިއީ ދިރާގުން މަޢާފަށް އެދިލާ ބަޔާނެއް ނެރުމަކުން ފުއްދާލެވޭނެ ކަމެއް ނޫނެވެ.

މިހާރު ސަރުކާރުގައި ތިބި ބޭފުޅުން މިއަދު އެވަނީ ދިރާގުން ހިންގި މިޖަރީމާ ހަދާން ނެތިފައި ކަމަށް ވާނަމަ މި ފުރުސަތުގައި ވެސް އެކަން ހަނދާކޮށް ދެމެވެ. އަދި އެއީ މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުން ވަޢުދުވެފައިވާ ފަދައިން ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ވަރަށް ހައްސާސް މައްސަލައެކެވެ. ސަރުކާރުގެ އެހެން ކުންފުނިތަކުން ހިންގާފައިވާ އެފަދަ ޖަރީމާތައް ބަލައި އޭރު އެކަން ކުރަން ތިބި ވެރިންނާއި މެދު ފިޔަވަޅު އަޅަމުންދާއިރު އޭރު އެކަން ކުރި ދިރާގުގެ ވެރިންނާއިމެދު ތަހުގީގު ހިންގާ ފިޔަވަޅު އަޅަން ޖެހޭނެއެވެ.

ރައްޔިތުންގެ މަޖުބޫރީ ހާލަތުގެ ނާޖާއިޒު ފައިދާ، ތަނެއް ދޮރެއް ބަލާނުލައި ހަމަ ނަގަނީއެވެ. މޮޅެތި ޕެކޭޖް ހަދައިގެން ރައްޔިތުންނަށް ދަޅަދެއްކުން ނޫން ކަމެއް ކުރާތަނެއް ނުފެނެއެވެ. މިއޮށް ބޮޑު ބަލިމަޑުކަމުގެ ތެރޭގައި ވެސް އެވެރީންނަށް ހަވާލުވެފައި އޮތް ޒިންމާއަކީ ރައްޔިތުން ފެލާލުން ހެން ހީވެއެވެ. ދިރާގު ފޭކް އިންޓަނެޓް ޕެކޭޖް ތަކުގެ ސަބަބުން ޒުވާނުން އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ދިރާގުން ކިތަންމެ އަގުބޮޑު ޕެކޭޖެއް ނަގައިގެން އެބުނާ 5 ވަނަ ގިއަރުގެ ސްޕީޑްގައިވެސް ހަމަ އުޅެންޖެހެނީ އެއްޗެއް ލޯޑްނުވެގެންނެވެ. ފޯޖީ އާއި 5 ޖީ ވެސް އެންމެ ފަހުން ވަނީ ފަރަންޖީއަށެވެ. މިވަރުވީމާ ކޮންމެ މީހަކުވެސް ރުޅި އަންނާނެއެވެ.

ދެން އޮތީ އިންޓަނެޓާއި ބެހޭ ވަޒީރު ކޮމިއުނިކޭޝަން މިނިސްޓަރު މުހަންމަދު މަލީހް ޖަމާލުގެ ފިނިހަކަ ދުވެލީގެ ވާހަކައެވެ. އިންޓަނެޓް އަގު ހެއު ކުރެއްވުމުގައި މަލީހް އުޅުއްވަނީ ހަމަ ވަރަށް ބިޒީކޮށެވެ. އެންމެ ފަހުން އިންޓަނެޓް އަގު ހެއު ކުރުމާއި ގުޅޭ ލިޔުންތައް ރައީސް އޮފީހަށް ފޮނުވައިފިއެވެ. އެބުރަ މަސައްކަތް ނިއްމާލައި ހުސްވަގުތުތަކުގައި ގޭގެ ވަޅުދިޔަ ހިއްކެވުމާއި ގޭގައި ދަނޑު ހެއްދުމުގެ މަސައްކަތް މަލީހް ވަނީ މެކުހަށް ޖައްސަވާފައެވެ. އެހެންނަމަވެސް ހިތާމައަކީ މިނިސްޓަރު މަލީހް ރައީސް އޮފީހަށް ފޮނުވި އިންޓަނެޓާއި ގުޅޭ ލިޔުންތަކަށް ވީގޮތެއް ނޭގުމެވެ. އިންޓަނެޓް އަގުހެއު ކުރުމުގެ ބާރުވެސް އޮތްކަމަށް މަލީހު ވިދާޅުވަނީ ރައީސް އޮފީހުގައި އިންނަވާ މާވަރުގަދަ "ޕޮލިސީ" އެއްގެ އަތް ޕުޅުގައި ކަމަށެވެ. އެވައުދު ފުއްދުން ލަސްވަނީ ބަންދު ދުވަސްތައް ކަނޑާފައި ދުވަސް ގުނައިގެން ފުއްދާ ވައުދަކަށްވާތީ ކަމަށްވެސް ވެދާނެއެވެ. އެއީ މަލީހު ވިދާޅުވާ ވާހަކައެވެ. އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު


29

މާޝާ

11-Oct-2020

އިންޑިއާއަކީ ދުނިޔޭގެ 2 ވަނައަށް އެންމެ އާބާދީބޮޑު ގައުމު. އެގައުމުގަ ޑޭޓާ ވިއްކާ އަގާ ގާތްކުރާއަގަކަށްވެސެ ރާއްޖޭގަ ޑޭޓާ ވިއްކައިގެ ކުންފުނީގެ ހަރަދު ނުދާނެ. މިގައުމު އާބާދީ އެހާކުޑަ. ޓެލެކޮމިއުނިކޭޝަންއަށް ބޭނުން ކުރާ ސިސްޓަމްސް އަދި އޭގެ މެއިންޓްނެންސް އަށް ކުރާ ހަރަދަކީ ވަރަށް ބޮޑުއަގެއް. އަމުދުން ރާއްޖެ ކަަހަލަ ޖަޒީރާ ގައުމެއްގެ ވަކިން ހަރަދު ބޮޑު ވާނެކަން ޔަގީން. އަގުއަޅާ ކިއަންވާނީ ރާއްޖެފަދަ ގައުމުތަކާ. ދިރާގު އަދި އުރީދޫ ރަނގަޅެކޭ ނޫން މިބުނީ. އެކަމް ދިވެހިންވެސް މިހާރަށްވެރު ތަހުޒީބުވާންޖެހޭ.


13

އުތުރު

07-Oct-2020

ކުޅުދުއްފުށި ދިރާގޭ ކިޔުނު ތަން ހަލާކު ކޮއްލީ މުހައްމަދު ހަސަން މޮންނު އަންހެންކުޅިބައި ބޮޑުކޮށްގެން ޅަކުދިން ހައްދާލައިގެން ވަޒީފާ ދީގެން


24

ޝަމާ

07-Oct-2020

ސާބަސް ދޭން ހައްގު ލިޔުމެއް ތިޔަގޮތުގަ ދިރާގާ އުރީދޫ އަށް ނުވިކި ރައްޔަތުމީހާ ގެ އަޑު އިއްވަމުން ކުރިޔަށް ދިއުމަށް ރަސް އޮންލައިން އަށް ހިތްވަރުދެން


17

މުހައްމަދު25

07-Oct-2020

މިކަހަލަ ރިފޯޓެއް ލިޔާކައްނުކެރޭނެ މިހާރު , ސަން , ރާއްޖެ އެމްވީ ފަދަ ނޫހަކައް , އަޅުވެތިކަމުގައިވާ ބަޔެއްއެއީ


9

އަހުމަދު

07-Oct-2020

އެއްވެސް އިތުރު ފީއަކާނުލާ ފައިބާރ ޕެކޭޖަށް އަޕްގްރޭޑްކޮށް ދޭނަމޭކިޔާފަ އިންސްޓޯލްކޮށް ނިއްމާފަ ބިލް ފޮނުވީ ރައުޓަރ ގެ އަގު ހިމަނާފަ ޔަހޫދީ ދިވަގު


22

އަހުމަދު

07-Oct-2020

އަދިވެސް ދައްކަނީ ކަނޑު އަޑީ ޑާޓަރސެންޓަރު އަޅަވާހަކަ


25

1828

07-Oct-2020

މިއީ ދިވެހި ނޫސްވެރިކަމުގައި ވަރަށް ނުފެންނަ ލިޔުމެއް. ސަބަބަކީ ދިރާގްގެ ސްޕޮންސަރ ނޫސްތަކަށް ދީފައި އޮތުން. އަދި މިލިޔުމަށް އިތުރުކޮށްލަން ފެނޭ މި ބަލިމަޑުކަމުގެ ފުރަޔަމަ ދުވަސް ކޮޅުގެ ތެރޭގައި ދިރާގާއި އުރީދޫ މޯލްޑިވްސްގެ އިންޓަނެޓްގެ ޕެކެޖްތަކުގެ އަގު ބޮޑުވުމުން ސޯޝަލް މީޑިއާގައި ދިވެހިން ކެކި އުތުރި އެރީމައި އެކަން މައިތިރިކުރަން މި ބުނި 02 ކުންފުނިން ރައްޔިތުންގެ އަނގަ މަތީގައި ޓޭޕްއަޅަން ޖެއްސި ފޭކް ސްޓަންޓް. އިންޓަނެޓް ޕެކެޖް ތަކުގެ އަގު ހެޔޮ ކުރަން މިބަލި މަޑުކަމުގެ ތެރޭގައި ރައްޔިތުން ގޮވާލީމައި ކުރިން މިބުނި 02 ކުންފުނިން ކުރިކަމަކީ 'އިތުރު ޑާޓާ އެލަވަންސް' އެއް ދިނީ އެދުވަސްކޮޅަށް. އެކަމުގެ ސަބަބުން ރައްޔަތުންގެ އަނގަތަށް މަތީގައި ދިޔައީ ޓޭޕް އެޅިގެން. އާހިރުގައި އިންޓަނެޓް ޕެކެޖްތަކުގެ އަގެއްވެސް ހުވެއް ނުކުރި. ހަމަ ކުރިން ހުރި އަގުގައި ޕެކެޖްތައް ވިއްކީ. 03 މަސް ފަހުން އިތުރު ޑާޓާ އެލަވަންސްވެސް ކަނޑާލީ. ހަމަ ކުރިން ހުރި އަގަށް, އިތުރު ޑާޓާ އެލަވަންސް ނުދީ އިންޓެންޓް ޕެކެޖްތައް މިހާރު ވިއްކަމުން އެދަނީ. ހަމަ ސީދާ ހިޔަޅު ވިސްނުން މި ދެކުންފުނިން ގެންގުޅެނީ. ހަމަ ދިވެހި ރައްޔިތުން ފެލާ ނަގަނީ.


15

ހަސަނު

06-Oct-2020

ވަރަށް ރަނގަޅު އެނގަލަކުނ ލިޔެފައިވާ ލިޔުމެއް މީ ހަމަ ހަގީގަތް


-5

މީ މަ.

06-Oct-2020

ބަރާބަރު.. 100އިގެ ރިޕޯޓެއް.. 😄



ޓްރެންޑިން