ތޮއްޑޫ ސިއްހީ މަރުކަޒަށް ދެއްކުމަށް ދިޔަ އުމުރުން ދުވަސްވީ ބަލިމީހަކަށް ފަރުވާ ދިނުމުގައި ބޮޑެތި އިހުމާލުތަކެއްވެ، އެންމެ ފަހުން އެމްބިއުލަންސްގެ ހިދުމަތް ނުލިބިގެން ޕިކަޕެއްގައި ބަލިމީހާ އުފުލަން ޖެހުނު ހިތާމަވެރި ހާދިސާއެއް ފެންމަތިވެއްޖެއެވެ.

މީސްމީޑިއާގައި މި ވާހަކަ ހިއްސާކުރި އެ ބަލިމީހާގެ އާއިލާގެ މެންބަރަކު ބުނި ގޮތުގައި، އުމުރުން 65 އަހަރުން މަތީގެ އެ މީހާ މޭގައި ރިއްސާތީ ސިއްހީ މަރުކަޒަށް ގެންދިޔައީ ކުއްލި ހާލަތެއްގައެވެ. ނަމަވެސް، ސްޓްރޯކް ޖެހުމުގެ ތާރީހެއް އޮތް އެ ބަލިމީހާ ގޮވައިގެން މަރުކަޒުގައި 45 މިނެޓަށް ވުރެ ގިނަ އިރު މަޑުކުރަން ޖެހުނު އިރުވެސް، ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމެއް ހަމަޖެހިފައެއް ނުވެއެވެ.

އާއިލާއިން ތުހުމަތުކުރާ ގޮތުގައި، ބަލިމީހާގެ ހާލު ސީރިއަސްވެގެން އެތައް ފަހަރަކު އާދޭސް ކުރުމުންވެސް، ޑޮކްޓަރު ކޮޓަރީގައި އެހެން ބަލިމީހަކު އިންކަމަށް ބުނެ ސްޓާފުން ވަނީ ފަރުވާ ލަސްކޮށްފައެވެ. މިކަމުގެ ސަބަބުން މަރުކަޒުން ފަރުވާ ނުލިބިގެން ގެއަށް ދިޔަ މަގުމަތީގައި ބަލިމީހާ ވެއްޓި، ހާލަތު އިތުރަށް ގޯސްވިއެވެ. ދެވަނަ ފަހަރަށް މަރުކަޒަށް ގެންގޮސް އާއިލާއިން ބާރުއެޅުމުން އެޑްމިޓްކުރި ނަމަވެސް، އެކަށީގެންވާ ފަރުވާއެއް ނުދީ އިންޖެކްޝަނެއް ޖެހުމަށްފަހު ވަނީ ގެއަށް ފޮނުވާލާފައެވެ.

މި ހާދިސާގެ ނުރައްކާތެރިކަން ބޮޑުވީ، ދަންވަރު ބަލިމީހާގެ ހާލު މާ ބޮޑަށް ގޯސްވެގެން އަނެއްކާވެސް މަރުކަޒަށް ގެންދިޔަ ހިސާބުންނެވެ. އޭރު ހެދި އީ.ސީ.ޖީ އިން ބަލިމީހާގެ ހިތުގެ ބްލޮކެއް އުޅޭކަމަށް ޝައްކުކުރެވުމުން، ވަގުތުން މާލެ ފޮނުވާލުމަށް ޑޮކްޓަރުން ލަފާދިނެވެ. ނަމަވެސް، އިމަޖެންސީގައި ބަލިމީހާ ލޯންޗަށް އުފުލަން ބެލިއިރު، ރަށުގެ އެމްބިއުލަންސް އޮތީ ހަލާކުވެފައެވެ. އެހެންކަމުން، އެފަދަ ނާޒުކު ހާލަތެއްގައި ހުރި ބަލިމީހަކު ސްޓްރެޗަރުގައި ބާއްވައިގެން ލޯންޗާ ހަމައަށް ގެންދަން ޖެހުނީ އަމިއްލަ ޕިކަޕެއް ހޯދައިގެންނެވެ.

މި ހާދިސާއާ ގުޅިގެން އާއިލާއިން ވަނީ ރަށުގެ ސިއްހީ ނިޒާމުގެ ފެންވަރާ މެދު ނުރުހުން ފާޅުކޮށްފައެވެ. "މިއީ މާ ބޮޑު ހިދުމަތެއްގެ ވާހަކައެއް ނޫން، އެކަމަކު އެންމެ އަސާސީ ހިދުމަތްވެސް މި އޮތީ މި ހާލަތުގައި،" ކަމަށް ބުނެ އާއިލާއިން ވަނީ މިފަދަ އިހުމާލުތަކުގެ ޒިންމާ ނަގާނެ ފަރާތެއް ނެތުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. މި މައްސަލައިގައި ކަމާބެހޭ އިދާރާތަކުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު