ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން އާންމުކުރި 2025 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) އިން ރާއްޖެއަށް ލިބުނު ދަށް ނަތީޖާއިން ހާމަވަނީ، މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ ހިންގުން ބޮއްސުންލައި، ކޮރަޕްޝަން ނިޒާމީ ސިފައެއްގައި އަށަގަނެފައިވާ މިންވަރެވެ. ބާރުތައް މަރުކަޒީކޮށް، މިނިވަން މުއައްސަސާތަކުގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފޯރުވަމުންދާ ދިއުމަކީ ރާއްޖޭގެ ދަރަޖަ ދަށްވާން ދިމާވި މައިގަނޑު ސަބަބެވެ.

ވަކިން ހާއްސަކޮށް ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް، ދައުލަތުގެ މަޝްރޫއުތަކާއި ކުންފުނިތަކުގެ ހިންގުން ހާމަކަން ކުޑަގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ކޮރަޕްޝަނަށް މަގުފަހިކޮށްދީ ރައްޔިތުންގެ އިތުބާރު ގެއްލެމުންދާ ކަމެއްގެ ގޮތުގައި މި ރިޕޯޓުން ވަނީ ފާހަގަކޮށްއެވެ.

މީގެ އިތުރުން، ފާއިތުވި ދުވަހުގެ ތެރޭގައި ރާއްޖޭގެ ނަތީޖާ ކުރިއަރާފައި ނުވުމަކީ، ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ވެފައިވާ ވައުދުތަކަކީ ހުސް އަނގަ އެކަނިކަން ސާބިތުވާ ކަމެކެވެ. ސަރުކާރުގެ ނާގާބިލުކަމުން މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ގެއްލި، ޝަރުއީ ދާއިރާ އާއި ތަންފީޒީ އިދާރާތައް ސަރުކާރުގެ ހިސާރުގެ ދަށަށް ގެންގޮސްފައިވުމަކީ، ކޮރަޕްޝަންގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށް އޮތް އެންމެ ބޮޑު ހުރަހެވެ.

މިފަދަ ނަތީޖާއެއް ލިބުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އަބުރަށް ލިބޭ ބޮޑު ހުތުރަކަށް ވާއިރު، މިއީ ސަރުކާރުގެ އިޚްލާޞްތެރިކަމެއް ނެތްކަން ހާމަވާ އަލިގަދަ ހެކިތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު