ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސް (ސީޕީއައި) އަކީ ކޮރަޕްޝަން އޮތް މިންވަރު ސީދާ ބަލާ ދިރާސާއެއް ނޫން ކަމަށާއި، އެއީ ހަމައެކަނި "ދެކޭގޮތް" ވަޒަންކުރާ މިންގަނޑެއް ކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ އިންޑެކްސްއަށް ފާޑުކިޔައިފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސީޕީއައި އަކީ އޭގެ ޒާތުގައި ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށާއި، މިއީ އެކި ފަރާތްތަކުން ކުރާ ދިރާސާތަކުން ފެންނަ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްގެން ތައްޔާރުކުރާ އެއްޗެއް ކަމަށެވެ. އަދި މިއީ "ޕަރސެޕްޝަން" ނުވަތަ މީހުން ދެކޭ ގޮތުގެ މައްޗަށް ބިނާކުރާ ދިރާސާއަކަށް ވުމުން، އިންޑެކްސްގެ ސްކޯ އަދި ރޭންކިންގ ބިނާވަނީ ހަމައެކަނި އެ ނެގޭ މަޢުލޫމާތުތަކުގެ މައްޗަށް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

ހަމައެއާއެކު، އޭސީސީން ވަނީ، 2025 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްކޯރ އާއި ރޭންކް ކަނޑައެޅުމުގައި ބޭނުންކޮށްފައިވަނީ އެންމެ ތިން މަސްދަރެއްކަން ފާހަގަކޮށްފައެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް އާއ، ވާރލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް އާއި، ވެރައިޓީސް އޮފް ޑިމޮކްރަސީ އެވެ.

މި މަސްދަރުތަކަކީ ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ސީދާ ވަޒަންކޮށްފައިވާ ދިރާސާތަކެއް ނޫން ކަމަށާއި، ގިނަ ޤައުމުތަކާ ޚިލާފަށް ރާއްޖޭގެ ސްކޯ އެކުލަވާލުމުގައި މަދު މަސްދަރުތަކެއް ބޭނުންކުރުމަކީ އެ ސްކޯގެ މާނަހުރިކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް އޭސީސީން ބުނެފައިވެއެވެ. އެހެންކަމުން، މިއީ ޤައުމީ ފެންވަރުގައި މަޝްވަރާކޮށް ރައްޔިތުންގެ ސަމާލުކަމަށް ގެނައުން މުހިންމު ކަމެއް ކަމުގައި ކޮމިޝަނުން ދެކޭ ކަމަށް ބަޔާނުގައިވެއެވެ.

ހަމައެއާއެކު، ރާއްޖޭގެ ނަޒާހަތްތެރިކަމުގެ ޤައުމީ ނިޒާމް (ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް) ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ. އެގޮތުން، ރާއްޖޭގެ ދިގުރާސްތާ ޤައުމީ ޕްލޭނާއި "މޯލްޑިވްސް 2.0" އާ އެއްކީލިވާނެ ގޮތަށް، އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ އެހީތެރިކަމާއެކު "ޤައުމީ އެންޓި-ކޮރަޕްޝަން ސިޔާސަތު" އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިކަމަށް އޭސީސީން ހާމަކޮށްފައިވެއެވެ.

އޭގެއިތުރުން އިންޓަރނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީން އިސްނަގައިގެން ކުރިޔަށް ގެންދާ "މެޝަރިންގ އިފެކްޓިވްނެސް އޮފް އެންޓި-ކޮރަޕްޝަން އޭޖެންސީސް" ގެ ފަންނީ މަސައްކަތުގައި އެހެން ޤައުމުތަކާ ގުޅިގެން އޭސީސީން ބައިވެރިވަމުންދާކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް